ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތާއި، ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް އިހަވަންދޫގައި ފަށައިފިއެވެ. މި ދެ ޚިދުމަތް އިފްތިތާޙްކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ހއ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އިހަވަންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގަ އެވެ. މި ޚިދުމަތްތައް އިފްތިތާހްކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިޙުސާން އެވެ.
މިހާރުވެސް އިހަވަންދޫގައި ދިރިއުޅޭ ރައްޔިތުންނަށް ރަށުގައި ތިބެގެން އައިޑީކާޑު ހެއްދުމުގެ ޚިދުމަތް ލިބެމުންދެއެވެ. ނަމަވެސް އައިޑީކާޑު ޕްރިންޓްކޮށްގެން ގެންނަނީ މާލެއިން ކަމަށްވުމާއެކު، އައިޑީކާޑު އަތަށް ލިބުމުގައި ލަސްތަކެއް ވެގެންދެއެވެ. އިހަވަންދޫގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ދޭން ފެށުމާއެކު ޚިދުމަތުގެ ސްޕީޑު އަވަސްވެގެންދާނެއެވެ. މީގެއިތުރުން، އިހަވަންދޫއިން ޕާސްޕޯޓު ދޫކުރަން ފެށުމާއެކު، ޕާސްޕޯޓު ނަގަން ދަތުރުކޮށްފައި ދިއްދޫ ނުވަތަ ކުޅުދުއްފުށްޓަށް ދާންޖެހޭ ދަތުރަށް ނިމުމެއް އަންނާނެއެވެ. މިކަމުގެ ސަބަބުން އިހަވަންދޫގެ ރައްޔިތުންނަށް ވަގުތާއި ފައިސާ ސަލާމަތްވެގެންދާނެއެވެ.
މި ދެ ޚިދުމަތް އިހަވަންދޫގައި ފެށުމަށް، އިހަވަންދޫ ކައުންސިލުން 700،000ރ ހަރަދުކުރާނެ ކަމަށް އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ސޮބާހް މިނޫހަށް ކުރިން މުއުލޫމާތު ދެއްވިއެވެ. މި ދެ ޚިދުމަތްވެސް ލިބިގެންދާނީ އިހަވަންދޫ ކައުންސިލްގައި އެކަމަށް ހަމަޖައްސައިފާވާ އިންތިޒާމް ތަކުގެ ތެރެއިންނެވެ.
އިހަވަންދޫއަކީ އިހަވަންދިއްޕޮޅުގެ ވިޔަފާރީގެ މައި ހަބަށްވެފައި، އެކި ބޭނުންތަކުގައި ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު އަރާ ފައިބާ ރަށެއްކަމުން، އާންމު ރައްޔިތުންނާ ގުޅުންހުރި މިފަދަ މުހިންމު ޚިދުމަތެއް ރައްޔިތުންނާ ގާތުން ލިބޭނެ މަގުފަހިވެގެން ދިޔުމުން އިހަވަންދޫއާއި އިހަވަންދިއްޕޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުންނަށްވެސް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓު، ރައްޔިތުންނާ ގާތުން، އަވަހަށް ފޯރުކޮށްދިނުމުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތަކެވެ. އެމަނިކުފާނުގެ މި ސިޔާސަތުގެ ދަށުން މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ މަސައްކަތް މިދިޔަ ނޮވެމްބަރުމަހުގެ 16 ވަނަ ދުވަހު ވަނީ އިފްތިތާޙްކުރައްވާފައެވެ.
ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މަޢުލޫމާތު އެއްކޮށް އެއްތަނަކުން ބެލެހެއްޓުމުގެ މަސައްކަތް 1984 ވަނަ އަހަރު ފެށީ އައިޑެންޓިޓީ ކާޑު ޔުނިޓުންނެވެ. އެއަށް ފަހު އޮފީހުގެ ނަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އަށް ބަދަލުކުރީ 11 ނޮވެމްބަރު 1993 ގައެވެ. ޑީއެންއާރުގެ 174 ކަލެކްޓިން ސެންޓަރު ޤާއިމު ކޮށްފައިވާއިރު ފުރަތަމަ ފަހަރަށް އޮންލައިންކޮށް އައިޑީކާޑު ހެދުމުގެ މަަސައްކަތް ފެށީ ކޮވިޑާ ގުޅިގެން 2021 ގައެވެ.