ފިޝަރީޒް ކޮމްޕްލެކްސްގެ ބީންގާ އަޅައިފި

މުޙައްމަދު އަކުރަމް

ހއ. އިހަވަންދޫގައި ތަރައްޤީކުރާ ފިޝަރީޒް ކޮމްޕްލެކްސްގެ ބީންގާ އަޅައިފިއެވެ. ފިޝަރީޒް ކޮމްޕްލެކްސްގެ ބީންގާ އަޅާފައިވަނީ މިއަދު ހަވީރު، އިހަވަންދޫ ހިއްކިބިން  ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމް އަދި އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހްއެވެ. މިރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުވެސް ބައިވެރިވެވަޑައިގަތެވެ.

ފިޝަރީޒް ކޮމްޕްލެކްސްގެ މަޝްރޫއުގެ ތެރޭގައި 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، 50 ޓަނުގެ ބްރައިން ފްރީޒިންގ ފެސިލިޓީ، އޮފީސް އިމާރާތް، އިންޖީނުގެ، ވެހިކަލް ވޯކްޝޮޕާއި ގުދަން، 130 މީޓަރުގެ މަގަތު ފާލަން އަދި ބަނދަރު ހިމެނޭނެއެވެ. މިއީ ދިވެހި ސަރުކާރާއި އިސްލާމިކް ޑިވޮލޮޕްމެންޓް ބޭންކާއި ގުޅިގެން ކުރިޔަށްގެންދާ މަޝްރޫއުއެކެވެ.

އިހަވަންދޫގައި ޤާއިމްކުރުމަށް ނިންމާފައިވާ ފިޝަރީޒް ކޮމްޕްލެކްސްއަށް ބޭނުންވާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި 2023  ވަނަ އަހަރުގެ އޯގަސްޓް މަހުގެ 17 ވަނަ ދުވަހުވަނީ ހަވާލުކޮށްފައެވެ. ނަމަވެސް އެމަސައްކަތް ނުފެށި ލަސްވާތީ މިނޫހުން ސުވާލުކުރުމުން، އެމްޓީސީސީއިން ބުނެފައިވަނީ މިހާތަނަށް ނިމިފައިވަނީ އެމަޝްރޫޢުގެ އީ.އައި.އޭ މަސައްކަތް  ކަމަށާއި މިއަހަރުގެ ފުރަތަމަ ކުއާޓަރ ގައި އަމަލީ މަސައްކަތް ފެށޭނެކަމުގައެވެ.

މަސްވެރިކަމަކީ އިހަވަންދޫގެ މައިގަނޑު ސިނާއަތެވެ. އިހަވަންދޫގެ މަސްވެރިންނަށް ދިމާވެފައިވާ އެންމެބޮޑު އެއް ދައްޗަކީ މަސްވެރިން ބާނާ މަސްކޮޅު ފަސޭއިން ކިރުވޭނެގޮތެއް ނެތުމެވެ. އެގޮތުން އެންމެ ކައިރިންވެސް މަސްކިރުވުމަށް މަސްވެރިންނަށްޖެހެނީ ޅ. ފެލިވަރަށް ދާށެވެ. ފެލިވަރަށް ގޮސް އައުމަށް 400 ކިލޯމީޓަރަށްވުރެ ދުރަށް ދަތުރުކުރަންޖެހެއެވެ. އެހެންކަމުން ތެލަށްކުރަންޖެހޭ ހަރަދު ބޮޑުވެ މަސްވެރިންގެ ޖީބަށް ވަންނަ އާމްދަނީ ދަށްވުމުގެ އިތުރުން މަސްވެރިން އެމީހުންގެ އާއިލާއާއި އެކު ހޭދަކުރަން ލިބޭ ވަގުތު އެތައްތަނެއް ކުޑަވެއެވެ.