ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހއ. އިހަވަންދޫ ކައުންސިލް މެންބަރުކަމަށް ވާދަކުރައްވާ އެމްޑީޕީއާ އިދިކޮޅު ބައެއް ކެނޑިޑޭޓުން އިހަވަންދޫ ކައުންސިލަށާއި ސަރުކާރަށް ފާޑުކިޔައިފި އެވެ.
މަސްވެރިންގެ ދުވަހުގެ މަސްރޭސް ބޭއްވުމަށް ކައުންސިލް އިދާރާގެ ފޭސްބުކު ޕޭޖު ޝެއަރ ކުރައްވާ ޖޭޕީގެ ފަރާތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ވާދަކުރައްވާ ޢަބްދު ﷲ އިރުޝާނު ވިދާޅުވެފައިވަނީ މަސްވެރިން ބާނާ މަސްކޮޅު ނުކިރިގެން އުޅޭއިރު މިބައިމީހުން މިއުޅެނީ ޑުރާމާ ނުކުޅެވިގެންކަމަށާއި ކުރާނެ ކަމެއް ނެތީވިއްޔާ ބަތްކައްކާ ކުޅުމަށެވެ. މި ޕޯސްޓު ޕީޕީއެމް އިން ކައުންސިލްއަށް ކުރިމަތިލާފައިވާ ކެނޑިޑޭޓް މުޙައްމަދު އަރީބުވެސް ވަނީ ޝެއާކޮށްފައެވެ.
އަދި ޢަބްދު ﷲ އިރުޝާނުގެ އިތުރު ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މަސްވެރިންނަށް ހެޔޮ އެދޭ ބަޔަކު މިހާލަތުގައި ބަލާނީ މަސްރޭސް ޖެހޭތޯ ނޫންކަމަށެވެ.
މަސްވެރި އިހަވަންދޫ ކިޔާ އައިޑީއަކުން މަސްވެރިންގެ ހާލު ހާމަކޮށްދީފައިވާ ޕޯސްޓެއް ޝެއަރ ކުރުމަށްފަހު ޕީޕީއެމްގެ ކެންޑިޑޭޓު މުޙައްމަދު އަރީބު ވިދާޅުވެފައިވަނީ ހައްލެއް ބޭނުންކަމަށާއި، އަޑުއަހާނެ ކަންފަތެއް ނެތުމީ ހިތާމަ ހުރިކަމެއް ކަމަށެވެ. މީގެ ކުޑަދުވަސްކޮޅެއް ކުރިން ކައުންސިލްގެ ޕީޕީއެމް މެމްބަރު އަޙްމަދު ރިޟްވާންވެސް ސަރުކާރަށް މި މައްސަލާގައި ހޫނުގަދަ ބަހުގެ ހަމަލާއެއް ދީފައެވެ.
މަސްވެރިންގެ ހާލަތާމެދު މިހާ ބޮޑު ފާޑުކިޔުންތަކެއް ކައުންސިލަށާއި ސަރުކާރަށް އަމާޒުވެފައި މިވާ ދަނޑިވަޅަކީ މަސްވެރިކަން ރަނގަޅުވެ، ބާނާ މަސްނުކިރި އެތައް ދުވަހަކު ކިޔުގައި މަޑުކުރުމުގެ ސަބަބުން މަސްވެރިންނަށް ބޮޑުތި ގެއްލުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްކަން ފާހަގަ ކުރެވެއެވެ.