އިހަވަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)އިން “ހިތްތަކުގެ ނޫރު” ގެ ނަމުގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ކީރިތި ޤުރުއާން ހިތު ދަސްކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު މިއަދުގެ ނިޔަލަށް އިތުރުކޮށްފިއެވެ.
މިއީ 5 އަހަރާއި 10 އަހަރާއި ދެމެދުގެ ކުޑަކުދިންނަށް ހާއްސަކޮށްގެން ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިހިނގާ މާރިޗް މަހުން ފެށިގެން މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ނިޔަލަށެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ނިންމާފައި ވަނީ 3 ބުރަކަށް ބަހާލައިގެން ކޮންމެ ބުރެއްގައިވެސް، ކަނޑައެޅިފައިވާ މުއްދަތުގައި އެބުރެއްގައި ދަސްކުރުމަށް ހާއްސަ ކޮށްފައިވާ ފޮތް ހިތުން ކިޔައިދިނުމުން، އެދަރިވަރުންނަށް ފައިސާގެ އިނާމު ލިބޭ ގޮތަށެވެ.
އެގޮތުން މި ޕްރޮގްރާމްގައި ފުރަތަމަ ބުރު ފުރިހަމަކުރާ ކޮންމެ ބައިވެރިއަކަށް 500.00 (ފަސްސަތޭކަ) ރުފިޔާ، 2 ވަނަ ބުރު ފުރިހަމަކުރާ ކޮންމެ ބައިވެރިއަކަށް 700.00 (ހަތްސަތޭކަ) ރުފިޔާ އަދި ތިންވަނަ ބުރު ފުރިހަމަ ކުރުމުން 1000.00 (އެއްހާސް) ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް އިހަވަންދޫ ޑަބްލިޔުޑީސީން ވަނީ ނިންމާފައެވެ.
މި ޕްރޮގުރާމުގައި ބައިވެރިކުރުމަށް ޝައުޤުވެރިވާ ދަރިވަރުން މިކަމަށް ހާއްސަކޮށްފައިވާ އޮންލައިން ފޯމް ފުރައިގެން ބައިވެރިވެވޭނެއެވެ.