ކީވޯލް އަޑިއަށްގޮސް ގަނބައިގަނެ އަރިވުމުގެ ސަބަބުން ބަންދުކޮށްފައިވާ ސިޑީއާ ދިމާލުން އެއްގަމުން ވަޅުގަނޑެއް ހެދެންފަށައިފިއެވެ. ބެލެވޭގޮތުގައި އެސަރަގައްދުގައި ވަޅުގަނޑު ހެދެނީ، ކީވޯލްގެ ދަށުން ވެލިގަނޑު ދަމައިގަނެފައިވަނިކޮށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ، ފެން ހިނދުމުގެ ތެރޭގައެވެ. އެސަރަހައްދުގެ ކީވޯލް ރަނގަޅު ނުކޮށްފިނަމަ ވަޅުގަނޑު ބޮޑުވެ ބަނދަރުން ބޮޑު ސަރަހައްދެއް އިސާހިތަކު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވުން އެކަށީގެންވެއެވެ.
ފެރީ ޓާމިނަލް ކުރިމަތިން ޕަސެންޖަރުންނަށް ހާއްސަކޮށްފައިވާ ސިޑީގެ ކީވޯލް އަޑިއަށް ދާތީ، އެސިޑި އިހަވަންދޫ ކައުންސިލުން ބަންދުކޮށްފައިވަނީ 2023 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 2 ވަނަ ދުވަހުއެވެ.
އިހަވަންދޫ ކައުންސިލުން އެސިޑި ބަންދުކޮށްފައިވަނީ، އެސިޑި ގަނބައިގެންގޮސް އަރިވުމުގެ ސަބަބުން އެސިޑި ބޭނުންކުރާ ފަރާތްތަކަށް ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ފުރުސަތު އޮތްކަމަށް އެކައުންސިލަށް ޤަބޫލުކުރެވޭތީކަމަށް އިހަވަންދޫ ކައުންސިލުން އޭރު ބުންޏެވެ. އޭރު ސިޑި ބަންދުކުރީ ޓޭޕް ދަމައިގެންނެވެ. ނަމަވެސް ސިޑި އިތުރަށް ގެބައިގަނެ ނުރައްކާތެރި ހާދިސާއެއް ހުނގުމުގެ ފުރުސަތު އޮތުމުން ސިޑި ވަށައިގެން ދަގަނޑު ޖަހައިގެން ބަންދު ކޮށްފައިވަނީ 26 ޖޫން 2024 ގައެވެ.
ފެރީޓާމިނަލް ސިޑި ބަންދު ކޮށްފައިވާތީ، މިހާރު އަރާފޭބުމަށް ބޭނުންކުރަމުންދަނީ އިހަވަންދޫ ޕޮލިސް ސްޓޭޝަން ކުރިމަތީގައިވާ ސިޑިއެވެ. އެހެންކަމުން ފެރީޓަމިނަލްގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި މިހާރަކު ނުކުރެވެއެވެ.