ހޯރަފުށި އެއަރޕޯރޓްގައި، ވޯކްވޭއެއް ނެތުމުން ދިމާވާ ދަތިތައް ހައްލުކުރުމުގެ މަސައްކަތް ނިމޭނެ ދުވަހެއް މިވަގުތު ދެންނެވެންނެތް - ރީޖަނަލް އެއަރޕޯރޓްސް ކޮމްޕެނީ

މުޙައްމަދު އަކުރަމް

ހޯރަފުށި އެއަރޕޯރޓްގައި ވޯކްވޭއެއް ނެތުމުން، ދިމާވާ ދަތިތައް ހައްލުކުރުމުގެ މަސައްކަތް ނިމޭނެ ދުވަހެއް މިވަގުތު ދެންނެވެންނެތް ނެތްކަމަށް ހޯރަފުށި އެއަރޕޯރޓް ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއިން ބުނެފިއެވެ. އެކުންފުނިން މިހެން ބުނެފައިވަނީ މިނޫހުންކުރި ސުވާލެއްގެ ޖަވާބުގައެވެ.

ހޯރަފުށި އެއަރޕޯރޓްގެ ޖެޓީ  ބޭނުން ކުރަންފެށިތާ  އަހަރަކަށްވުރެ ގިނަދުވަސް ވެފައިވާއިރު، ޖެޓީއާއި ހަމަޔަށް ދިޔުމަށް ވޯކްވޭއެއް ނެތުމުން އެއާރޕޯޓް ބޭނުންކުރަމުންދާ ފަރާތަކަށް ކުރިމަތިވަމުންދާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ވިސްނުން ނެތްތޯ ސުވާލުކުރުމުން، ހޯރަފުށި އެއަރޕޯރޓް ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއިން ބުނީ އެކުންފުނިން ހިންގާ އެއަރޕޯޓް ތަކުގައި ފަސެންޖަރުންނަށް ފަސޭހަވާނެގޮތުގެ މަތިން ކަންތައްތައް ކުރުމަކީ ނުހަނު އިސްކަމެއްދޭ ކަމެއްކަމުގައެވެ. އެގޮތުން ހޯރަފުށީގެ އެއަރޕޯޓްގައި ފަސިންޖަރުންނަށް ފަސޭހަވާނެ ގޮތަކަށް ވޯކްވޭއެއްފަދަ ތަނެއް މިހާތަނަށް ހެދިފައިނެތުމުގެ ސަބަބުން ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ރޭވި އެމަސައްކަތް ކުރިޔަށް ދާކަމަށް އެކުންފުނިން މައުލޫމާތުދިނެވެ. އެހެން ނަމަވެސް އެމަސައްކަތް މުޅިން ނިންމޭނެ ދުވަހެއް ކަނޑައެޅިގެން މިވަގުތު ބުނެވެންނެ ނެތްކަމަށް، ރީޖަނަލް އެއަރޕޯރޓްސް ކޮމްޕެނީން ބުނެއެވެ.

ހޯރަފުށި އެއަރޕޯރޓްގެ ޖެޓީބޭނުން ކުރަންފެށުމަށްފަހު އަހަރަކަށްވުރެ ގިނަދުވަސް ވެފައިވާއިރު، ޖެޓީއާއި ހަމަޔަށް ދާނެ ވޯކްވޭއެއް ނެތުމުން ޓްރޮލީ ނުދުއްވޭތީ، އެއާރޕޯޓް ޖެޓީ ބޭނުންކުރަމުންދާ ފަރާތަކަށް އަދިވެސް އެދެމެދު ހުރަސްކުރަންޖެހެނީ  ލަގެޖް އަތުން އުފުއްލައިގެންނެވެ. ވިއްސާރަނަމަ ދާންޖެހެނީ ތެމިގެންނެވެ. އަދި އެސަރަހައްދުގައި ޗަކަ އޮންނާތީ އިތުރަށް އުނދަގޫވެއެވެ. އެއަރޕޯޓްގެ ޓާމިނަލާއި ޖެޓީއާއި ދެމެދު ހުންނަނީ 140 ހަކަށް މީޓަރުނަމަވެސް އެދެމެދުގައި ބަގީއެއްވެސް ދަތުރު ކޮށްދެނީ 30ރ އަށެވެ.

ހޯރަފުށި އެއަރޕޯޓަށް އެންމެ ގިނަ މީހުން އުފުއްލާ އެއް ލޯންޗް އޮޕަރޭޓަރ ކަމަށްވާ ސީކިންގުން، އެލޯންޗްގެ ކަސްޓަމަރުންގެ ލަގޭޖް ވަރަށް ފަހަކާއި ހަމަޔަށްވެސް އުފުއްލައިދިނެވެ. ނަމަވެސް މިދިޔަ ފެބުރީމަހުގެ 22 ވަނަ ދުވަހުންފެށިގެން ސީކިންގުންވަނީ އެހިދުމަތް ހުއްޓައިލާފައެވެ. ސީކިންގުން މައުލޫމާތު ދިންގޮތުގައި ލަގެޖް އުފުލުމުގައި ކަސްޓަމަރުންނަ ދިމާވާދަތިތައް ހައްލުކުރުމަށް ހިލޭދިން ލަގެޖް އުފުލުމުގެ ހިދުމަތް ހުއްޓާލަންޖެހުނީ ތަކުރާރުކޮށް ދިމާވަމުންދިޔަ ދަތިތަކެއްގެ ސަބަބުންނެވެ.

ގާތްގަނޑަކަށް 198 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީކުރި ހޯރަފުށީ އެއާޕޯޓް 2020 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 29 ވަނަ ދުވަހު ހުޅުވައިދެއްވީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.