އަޅުކަމަށް އިސްކަން ދިނުމަށް ބާރު އެޅުމުގެ ގޮތުން، މިހިނގާ ރަމަޟާންމަހުގެ ފަހު 10 ގައި، އިހަވަންދޫ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ކުޅޭ ދަނޑުތަކާއި ކޯޓްތައް ރޭގަނޑު ބަންދުކޮށް ނުދިއްލުމަށް ހުށަހެޅި މައްސަލަޔަށް ތާއީދު ކުރާނެ ކައުންސިލަރެއް ނެތުމުން ވޯޓަށް ނޭހުނެވެ. ކައުންސިލްގެ ބަންދަލުވުންތަކަށް އެޖެންޑާކުރާ ކަންކަމަށް ވޯޓަށް އަހަނީ އެކަމަށް ކައުންސިލަރެއް ތާއީދު ކުރުމުންނެވެ.
މިމައްސަލަ އެޖެންޑާ ކުރުމަށް ހުށަހަޅާފައިވަނީ ކައުންސިލް މެމްބަރު މުހައްމަދު ޒާހިރު ހަސަންއެވެ. ޒާހިރު ހުށަހެޅި މިމައްސަލަ އެޖެންޑާ ކޮށްފައިވަނީ 19 މާރިޗް ގައި ބޭއްވި އިހަވަންދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ 189 ވަނަ އާއްމު ބައްދަލުވުމަށެވެ. އެބައްދަލުވުމުގައި، އަހަރީ ޗުއްޓީގައި ހުންނެވި ކައުންސިލަރު ޝަނީޒާގެ ފިޔަވާ ހުރިހާ ކައުންސިލަރުން ބައިވެރި ވެލެއްވިއެވެ.
ކައިންސިލަރު މުހައްމަދު ޒާހިރު ހަސަން ވިދާޅުވީ އަޅުކަމަށް އިސްކަން ދިނުމަށް ބާރު އެޅުމުގެ ގޮތުން، ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ކުޅޭ ދަނޑުތަކާއި ކޯޓްތައް ރޭގަނޑު ނުދިއްލުމަށް ހުށަހެޅީ ބައެއް ޝެއިހުންގެ އިރުޝާދުގެ މަތިން ކަމުގައެވެ. އަދި ހަމަ އެހެންމެ ދަނޑުތައް ހުންނަ ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެކަމުގެ ދަތި އުނދުގޫވެ ޝަކުވާ ކުރާކަން ޒާހިރު ފާހަގަކުރެއްވިއެވެ. “ރޭގަނޑު ދަނޑު ދިއްލައި 12 ޖަހަންދެން ކުޅޭތީ އަޑު ގަދަވެގެންނާއި ދިމާވާ އުނދަގޫތަކުން ކާރި ބައެއް ގޭގޭ މީހުންނަށް ނިދަން އުނދަގޫވާތީ ޝަކުވާ ލިބޭ، އެގަޑީ ނުނިދޭނަމަ ރޭ އަޅުކަމަށް ހޭލަން އެފަރާތްތަކަށް ދަތިވާނެ” ޒާހިރު ތަފްސީލްކޮށް ދެއްވިއެވެ.
އިހަވަންދޫ ކައުންސިލުން މިހާރު ދިއްލަނީ 1 ދަނޑާއި 2 ވޮލީ ކޯޓެވެ. ފަހުން ހުޅުވި ހިންނަ ފުޓްސަލް ދަނޑުގައި ހުރި ލައިޓްތައް އަދި ނުދިއްލައެވެ.