ހއ. އަތޮޅުގެ ހުރިހާ ރަށެއްގައި މިހާރު ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ލިބޭނެ!

މުޙައްމަދު އަކުރަމް

ރަށްރަށުގައި އޭޓީއެމްތައް ބެހެއްޓުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ހއ. އަތޮޅުގައި އޭޓީއެމް ނެތް 7 ރަށުގައި، އޭޓީމްއެމްގެ ޚިދުމަތް މިއަދުދޭން ފަށާފައިވާތީ ހއ އަތޮޅުގެ ހުރިހާ ރަށަކުން މިހާރު އޭޓީއެމްގެ ހިދުމަތް ލިބޭނެއެވެ.  ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސެލްފް ސާވިސް ބޭންކިން އޭޓީއެމް ގާއިމުކޮށް، ޚިދުމަތް ދޭން މިއަދު ފަށާފައިވާ ރަށްތަކަކީ، އުތީމާއި، ތުރާކުނާއި، އުލިގަމާއި، މޮޅަދުއާއި، މާރަންދޫގެ އިތުރުން ތަކަންދޫ އަދި މުރައިދޫއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، ހއ އަތޮޅުގައި އޭޓީއެމްތައް ގާއިމުކުރެވުމުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ބޭންކިން ޚިދުމަތް ފުޅާކުރުމުގެ ދަތުރުގައި ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. “މިއީ އަޅުގަނޑުމެން ވަރަށް އުފާކުރާ ކަމެއް. ދިރިއުޅޭ ރަށުގައި 24 ގަޑިއިރު އަސާސީ ބޭންކިންގ ޚިދުމަތްތައް ލިބޭނެ ވަސީލަތް ގާއިމުވުމާއެކު ހއ. އަތޮޅުގެ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް، މިއަދަކީ އިންގިލާބީ ބަދަލެއް ގެނުވާނެ ދުވަހެއް،” ޝަރީފް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވަނީ މި އަހަރު ނިމުމުގެ ކުރީން ރާއްޖޭގެ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ބަހައްޓާ ޚިދުމަތް ފައްޓަވާނެ ކަމަށް މީގެކުރިން ވިދާޅުވެފައެވެ. އެ ވައުދުފުޅާ އެއްގޮތަށް ރަށްރަށުގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރުމުގެ މަސައްކަތް ބީއެމްއެލްއިން ދަނީ ކުރަމުންނެވެ.