ހއ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން “ތިލައުތުރު ވޮލީ މުބާރާތް – 2025” ގެ ނަމުގައި، ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން ބާއްވާ ތިލައުތުރު ވޮލީ މުބާރާތް، 5 ޓީމަކާއިއެކު މިމަހުގެ 23 ވަނަ ދުވަހު ފަށާގޮތަށް ހަމަޖެހިއްޖެއެވެ. މިއަހަރުގެ މުބާރާތް ބާއްވަނީ ހއ ހޯރަފުށީގައެވެ.
މިމުބާރާތުގައި ބައިވެރިވާން ހުޅުވައިލުމުން 7 ޓީމެއް ބައިވެރިވިއެވެ. އެއީ ހޯރަފުށި، މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަން މުރައިދޫ، ރަނަރަޕް އިހަވަންދޫ، މޮޅަދޫ، ވަށަފަރު، ދިއްދޫ އަދި ބާރަށެވެ. ނަމަވެސް މުބާރާތުގެ ގުރުލުމާއި ހަމަޔަށް އާއިރު ވަށަފަރު އަދި ބާރަށުންވަނީ މިމުބާރާތުން ވަކިވެފައެވެ. ހޯރަފުށީ ވޮލީ ބޯޅަ ކޯޓުގައި ކުޅޭ މުބާރާތް ކުރިއަށް ދާނީ މި މަހުގެ 23 އިން 31 ގެ ނިޔަލަށެވެ.
މިމުބާރާތުގެ ގުރުލާފައިވާއިރު މިމަހުގެ 23 ވަނަ ދުވަހުގެރޭ 20:00 ގައި މިމުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ހޯރަފުށި އަދި މުރައިދޫއެވެ. މިމުބާރާތް ކުރިޔަށްދާނީ 5 ޓީމްގެ މެދުގައި ލީގް އުސޫލުން ފުރަތަމަބުރު ކުޅެ އެންމެ ގިނައިން ޕޮއިންޓް ހޯދާ ދެ ޓީމަށް ފައިނަލުން ޖާގައެއް ލިބޭގޮތަށެވެ. ދެވަނަ އަދި 3 ވަނަ ޓީމްގެ މެދުގައި ސެމީފައިނަލް މެޗެއް ކުޅޭއިރު މިމުބާރާތުގެ ފައިނަލް މެޗް އޮންނާނީ މިމަހުގެ 31 ވާ ހޮނިހިރު ދުވަހުގެ ރޭ 20:00 ގައެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރ މަހު ބޭއްވި ފުރަތަމަ ތިލައުތުރު ވޮލީ މުބާރާތް ހޯސްޓް ކޮށްފައިވަނީ މުރައިދޫ ކައުންސިލުންނެވެ. ފުރިހަމަ އިންތިޒާމްތަކަކާއިއެކު ކުރިޔަށްދިޔަ އެމުބާރާތުގެ ފައިނަލްގައި އިހަވަންދޫއާ ވާދަކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މުރައިދޫއެވެ. ހއ އަތޮޅު ކައުންސިލުން އަތޮޅަށް ހުޅުވާލައިގެން ބާއްވާ ކުޅިވަރު މުބާރާތެއް އިހަވަންދިއްޕޮޅުގެ ރަށެއްގައި ބާއްވާ މިއީ ފުރަތަމަ ފަހަރެވެ.