އަޟްޙާ ޢީދާ ދިމާކޮށް ކްލަބް ޕޯލްސްޓަރ އިން ކުރިޔަށް ގެންދާ ވައުދެމުމުގެ މުބާރާތުގެ ފައިނަލް މެޗް މިރޭ އޮންނާނެއެވެ. މިމުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވަނީއާރުޑީސީ އަދި ކްލަބް އިރަމާއެވެ. މި ދެ ޓީމްވެސް ފައިނަލަށް ދަތުރުކޮށްފައިވަނީ ބާކީ އެއް މެޗް އޮށްވައެވެ. އެހެންޓީމްތަކަށް ފަނަލަށް ދިއުމުގެ ދޮރު ބަންދުވެފައިވާތީ މުބާރާތުގައި ބާކީހުރި މެޗްތައް ކުރިޔަށް ނުގެންގޮސް ފައިނަލް މެޗް އަވަސްކުރީއެވެ.
އިހަވަންދޫ ދެކުނުފަރާތު އަތިރިމަތީގައި ކުރިޔަށްގެންދާ މިމުބާރާތުގެ ފައިނަލް މެޗް ފަށާނީ މިރޭ 20:45 ގައެވެ. ފައިނަލްގައި އެއްކޮޅުން ވާދަކުރާ ކްލަބް އިރަމާއަކީ މިދިޔަ ދެ އަހަރުވެސް މިމުބާރާތުގެ ޗެމްޕިއަންޓީމެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ވާދަކޮށްފައިވަނީވެސް މި ދެޓީމެވެ.
މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 7000ރ ގެ އިނާމެއް ހުށަހަޅާފައިވާއިރު، ދެވަނަ ޓީމަށް 3000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. މިމުބާރާތް ކްލަބް ޕޯލްސްޓަރ އިން ކުރިޔަށްގެންދަނީ އިހަވަންދޫ ކައުންސިލް އަދި އާރުޑީސީގެ އެހީތެރިކަމާއި އެކުއެވެ. މިއަހަރު މިމުބާރާތުގައި ބައިވެރިވެފައިވަނީ 4 ޓީމެކެވެ. އެއީ މިދިޔަ ދެ އަހަރުގެ ޗެމްޕިއަން ކްލަބް އިރަމާ، މިދިޔަ އަހަރުގެ ރަނައަޕް އާރުޑީސީ، ޔުނައިޓެޑް ޔޫތްގެ އިތުރުން ބޮޑުމަގު ބާއީސް އެވެ.
މޫސުން ރަނގަޅުނަމަ، މިމުބާރާތުގެ އެހެން މެޗްތަކެކޭ އެއްގޮތަށް މިރޭގެ މެޗްވެސް އިހަވަންދޫ.ކޮމްގެ ސޯޝިއަލް މީޑިއާ ޕްލެޓްފޯމްތަކުން ލައިވް ކުރާނެއެވެ.