ރާއްޖޭގެ ހުރިހާ ރަށެއްގައި މާދަމާ އިސްތިސްގާ ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީ އިން ނިންމުމާގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މާދަމާ އިސްތިސްގާ ނަމާދު ކުރުން އޮންނާނެ އެވެ.
އިސްތިސްޤާ ނަމާދަކީ ފެން ދަތިވެއްޖެނަމަ، ނުވަތަ ވާރޭ ވެހުން ލަސްވަނީނަމަ ވާރޭ ވެއްސެވުމަށް އެދި ކުރާ ދެރަކުޢަތުގެ ނަމާދެކެވެ.
އިސްލާމިކު މިނިސްޓްރީން މާލޭގައި އިސްތިސްގާ ނަމާދު ކުރުމަށް ނިންމާފައި ވަނީ އިސްލާމީ މަރުކަޒުގައެވެ. އަދި އަތޮޅުތެރޭގެ ރަށްތަކުގައި އިސްތިސްގާ ނަމާދު ކުރުމަށް އެރަށެއްގައި ހުންނަ އެންމެ ބޮޑު މިސްކިތުގައެވެ.
އިހަވަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ރަޝީދު ވިދާޅުވީ އިހަވަންދޫގައި އިސްތިސްގާ ނަމާދު ކުރުން އޮންނާނީ އިހަވަންދޫގައި ހުރި އެންމެ ބޮޑު މިސްކިތް، މަސްޖިދުލް ތަޢުބާގައި ކަމަށެވެ.
އިސްތިސްގާ ނަމާދު ކުރުމަށް ނިންމާފައި ވަނީ މާދަމާގެ މެންދުރުނަމާދަށް ފަހު އެވެ.
އިސްތިސްގާ ނަމާދު
އިސްތިސްޤާ ނަމާދަކީ: ވާރޭނުވެހިގެން ނުވަތަ ހަނަފަސްކަން ވެރިވުމުން ކުރާނަމާދެކެވެ. މި ނަމާދު ކުރުމުގެ ޙުކުމަކީ، ޢިލްމުވެރިންގެ އިއްތިފާޤުން ގަދަވެގެންވާ ސުންނަތެކެވެ. އިސްތިސްޤާ ނަމާދުކުރުން ސުންނަތް ވެގެންވަނީ ޖަމާޢަތުގައެވެ. މިނަމާދު ސުންނަތްވެގެންވާ ޙާލަތަކީ: ވާރޭ ނުވެހި، ފެންނުލިބި ގިނަ ދުވަސްވެ ވަޅުތަކުގެ ފެންހިނދި ދަނޑުފަނގު ހަނަފަސްވުމުންނެވެ. މި ނަމާދު ކުރުން އެންމެ ރަނގަޅީ މައިދާނުގައެވެ. އެއީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަރިހުން އެކަން އެގޮތަށް ކުރެއްވި ކަމަށް ދަލީލުތަކުން ސާބިތުވާގޮތެވެ. ނަމަވެސް މިސްކިތުގައި މި ނަމާދު ކުރުން ހުއްދައެވެ.



