އިހަވަން ފުޓްސަލް ޗެލެންޖް 2025 ގެ ސެމީ ފައިނަލް ކަށަވަރުކުރި ފުރަތަމަ ޓީމަށް ބޮޑުމަގު ވެއްޖެއެވެ. ބޮޑުމަގު މިމުބާރާތުގެ ސެމީފައިނަލްގެ ޖާގަ ކަށަވަރުކުރީ ގްރޫޕް ސްޓޭޖްގައި އެޓީމް ކުޅުނު ފުރަތަމަ ދެ މެޗުންވެސް މޮޅުވެގެންނެވެ. ގްރޫޕް ސްޓޭޖްގެ އެއްމެޗް އަދި އެޓީމަށް ބާކީ އޮތްއިރު އެމެޗުން މޮޅު ނުވަތަ އެއްވަރު ވެއްޖެނަމަ އެޓީމް ސެމީފައިނަލަށް ދާނީ ގްރޫޕް ބީ ގެ އެއްވަނަ ޓީމްގެ ގޮތުގައެވެ.
އިއްޔަވަނީ މިމުބާރާތުގެ 3 މެޗެއް ކުޅެފައެވެ. އިއްޔަހަވީރު ބޮޓަފޮގޯ އިން 7-1 އިން ފަސްގަނޑު ބަލިކުރިއިރު، ދެވަނަ މެޗްގައި ބޮޑުމަގު ވަނީ 6-1 އިން ކުޅިމަގު ބަލިކޮށްފައެވެ. ރޭގެ ފަހު މެޗްގައި ޔުނައިޓެޑް ޔޫތްވަނީ މިސްކިތްމަގު ކޮޅަށް ލަނޑު ގޯންޏެއް ޖަހާފައެވެ. އެމެޗުން ޔުނައިޓެޑް ޔޫތް މޮޅުވީ 11-1 އިންނެވެ.
މިމުބާރާތުގައި މިރޭ ދެ މެޗެއް ކުޅޭނެއެވެ. ފުރަތަމަ މެޗްގައި އެންވީކޭ ނުކުންނާނީ ފަސްގަނޑާ ދެކޮޅަށެވެ. ދެވަނަ މެޗްގައި ބޮޓަފޯގޯ ބައްދަލުކުރާނީ ސެންސިޓީ އާއެވެ.
އިހަވަން ފުޓްސަލް ޗެލެންޖަކީ، ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބްއިން 2023 ވަނަ އަހަރުން ފެށިގެން ބާއްވަމުން އައި ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް ރިބްރޭންޑްކޮށް މިއަހަރު ބާއްވާ މުބާރާތެކެވެ. ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް، އިހަވަން ފުޓްސަލް ޗެލެންޖަށް ރިބްރޭންޑް ކޮށްފައިވާއިރު، ގެނެސްފައިވާ އެންމެ ބޮޑު ބަދަލަކީ، މިމުބާރާތް ހއ އަތޮޅަށް ހާއްސަ ކޮށްފައިވުމެވެ. ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް، ކުރިން އާމާޒް ކޮށްފައި އޮންނަނީ ހއ، ހދ އަދި ށ އަތޮޅުގެ ރަށްތަކަށެވެ.
އިހަވަން ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަން ޓީމަށް 30،000ރ އަދި ރަނަރަޕް ޓީމަށް 7،000ރ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، މިއަހަރުގެ މުބާރާތުގައި ވާދަކުރަނީ ބޮޑުމަގު، ޔުނައިޓެޑް ޔޫތް، ކުޅިމަގު، މިސްކިއްމަގު، އެންވީކޭ، ސެންސިޓީ، ފަސްގަނޑު އަދި ބޮޓަފޮގޯ އެވެ. ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް 2023 ގައި 10 ޓީމެއް ބައިވެރިވެފައިވާއިރު އެފަހަރުގެ މުބާރާތް ކާމިޔާބުކުރީ ޔުނައިޓެޑް ޔޫތެވެ. އެންމެފަހުން ބޭއްވި ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް 2024 ގައި 9 ޓީމެއް ބައިވެރިވިއިރު ޗެމްޕިއަން ޓީމަކީ އެފްސީ ބޮޑުމަގެވެ.