އިހަވަން ފުޓްސަލް ޗެލެންޖް 2025 ގެ ސެމީ ފައިނަލުން ޖާގަ ކަށަވަރުކުރި ތިންވަނަ ޓީމަކަށް، ޒުވާން ކުޅުންތެރިންގިނަ ބޮޓަފޯގޯ ވެއްޖެއެވެ. ބޮޓަފޯގޯ މިމުބާރާތުގެ ސެމީފައިނަލުން ޖާގަ ކަށަވަރުކުރީ 4 ޕޮއިންޓާއި ފައިދާ 3 ގޯލާ އެކު ގްރޫޕް އޭ ގެ ދެވަނަ ޓީމްގެ ގޮތުގައެވެ.
ގްރޫޕް އޭ ގެ އެއްވަނަ ޓީމްގެ ގޮތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ 9 ޕޮއިންޓާއިއެކު މިމުބާރާތުގެ ސެމީފައިނަލަށް ދަތުރުކުރީ އެންވީކޭއެވެ. އެންމެ ހިތްދަތިގޮތަކަށް މިމުބާރާތާއި އަލްވަދާއު ކިޔަންޖެހުނީ ސެންސިޓީއަށެވެ. އެޓީމަށް ބޮޓަފޯގޯއާ އެއްވަރަށް 4 ޕޮއިންޓް ލިބިފައިވާނަމަވެސް، ސެންސިޓީކެޓީ ބޮޓަފޯގޯ އަށްވުރެ ފައިދާ 2 ގޯލް މަދުވުމުންންވެ. ގްރޫޕް އޭ ގެ ފަސްގަނޑު އަދި ގްރޫޕް ބީ ގެ މިސްކިތްމަގުވެސް މިހާރުވަނީ ކަޓައިފައެވެ. ގްރޫޕް ބީ ން ސެމީފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފައިވަނީ ޑިފެންޑިންގ ޗެމްޕިއަން ބޮޑުމަގެވެ.
ސެމީ ފައިނަލްގެ ފަހު ޖާގައަށް ވާދަކުރަނީ ކުޅިމަގު އަދި ޔުނައިޓެޑް ޔޫތްއެވެ. މިރޭ 20:30 ގައި އެދެ ޓީމްގެ މެދުގައި ކުޅެވޭ މެޗް ފޯރި ގަދަވެގެން ދާނެކަމަށް ބެލެވެއެވެ. ޔުނައިޓެޑް ޔޫތަށް އެމެޗުން ޕޮއިންޓަކާއި އެކު ފުއްދައިލެވުނަސް، ކުޅިމަގަށް މިރޭގެ މެޗުން މޮޅުވަން މަޖުބޫރު ވާނެއެވެ. މިރޭގެ ދެވަނަ މެޗްގައި ބައްދަލުކުރާނީ ބޮޑުމަގާއި މިސްކިތްމަގެވެ. އެއީ މިމުބާރާތުގެ ގްރޫޕްސްޓޭޖްގެ ފަހު މެޗެވެ.
މިމުބާރާތުގެ ސެމީ ފައިނަލްގެ މެޗްތައް ކުޅޭނީ މިމަގުގެ 31 ވާ ބުރާސްފަތި ދުވަގުގެ ރެއެވެ. އަދި ފައިނަލް މެޗް ކުޅޭނީ އަންނަ މަހުގެ 2 ވާ ހޮނިހިރު ދުވަހުގެ ރެއެވެ.