ހއ. އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްދާ، އިހަވަންދޫ ކައުންސިލް ކަޕް ފިރިހެން ވޮލީބޯޅަ މުބާރާތް 2025 ގެ ފައިނަލްގެ ފުރަތަމަ ޖާގަ “ޔުނައިޓެޑް ޔޫތް” ޓީމުން ކަށަވަރުކޮށްފިއެވެ. އެ ޓީމުން ފައިނަލަށް ދަތުރުކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ގްރޫޕް ސްޓޭޖްގެ އެއްވަނަ ޓީމްގެ ގޮތުގައެވެ.
މިމުބާރާތުގެ ގްރޫޕް ސްޓޭޖްގެ ދެވަނަ ޓީމްގެ ގޮތުގައި “ޖަންގަލި” އާއި ތިންވަނަ ޓީމްގެ ގޮތުގައި “އެންވީކޭ” ވަނީ ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ. މި ދެ ޓީމް ބައްދަލުކުރާ ސެމީ ފައިނަލް މެޗް އޮންނާނީ މިރޭ 20:15 ގައި ހުރަވީ އައުޓްޑޯރ ވޮލީ ކޯޓުގައެވެ. މިމެޗުން މޮޅުވާ ޓީމަކަށް ޔުނައިޓެޑް ޔޫތްއާ ފައިނަލުގައި ބައްދަލުކުރަން ޖާގަ ލިބޭނެއެވެ.
މިއީ އިހަވަންދޫ ކައުންސިލުން މި މުބާރާތް ބާއްވާ ތިންވަނަ ފަހަރެވެ. ހަތަރު ޓީމް ވާދަކުރާ މުބާރާތުން މިހާތަނަށް ކަޓާފައިވަނީ “މިސްކިއްމަގު” ޓީމެވެ. މުބާރާތުގެ ފައިނަލް މެޗް އޮންނާނީ މިމަހުގެ 6 ވަނަ ދުވަހުގެ ރޭ 20:15 ގައި ހުރަވީ އައުޓްޑޯރ ވޮލީ ކޯޓުގައެވެ.
މި އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 30 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ރަނަރަޕް ޓީމަށް 10 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ.
މިދިޔަ އަހަރު، އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި ކައުންސިލް ކަޕް ވޮލީ މުބާރާތް 2024 ގެ ޗެމްޕިއަންކަން ހޯދާފައިވަނީ “ކުޅިމަގު” ޓީމެވެ. ނަމަވެސް، އެޓީމް މި އަހަރުގެ މުބާރާތުގައި ބައިވެރިއެއް ނުވެއެވެ.