ޔުނައިޓެޑް ޔޫތަށް ތާރީޚީ ކާމިޔާބީ: ފުރަތަމަ ފަހަރަށް ވޮލީ މުބާރާތެއްގެ ތަށި ހިއްލާލައިފި!

މުޙައްމަދު އަކުރަމް

އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި ކައުންސިލް ކަޕް ވޮލީ މުބާރާތް 2025 ގެ ޗެމްޕިއަންކަން، ރޭ ހުރަވީ އައުޓްޑޯ ވޮލީ ކޯޓްގައި ކުޅުނު ފައިނަލް މެޗުގައި ފަހަތުން އަރައި 3-1 ސެޓުން އެންވީކޭ ބަލިކޮށް، ޔުނައިޓެޑް ޔޫތު ހޯދައިފިއެވެ. މިއީ އެޓީމަށް ވޮލީ މުބާރާތެއްގެ ޗެމްޕިއަންކަން ހޯދުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. ރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ޔުނައިޓެޑް ޔޫތު ޓީމްގެ ބިލާލްއެވެ.

މުބާރާތުގެ ޗެމްޕިއަން ޔުނައިޓެޑް ޔޫތަށް 30,000ރ (ތިރީސް ހާސް ރުފިޔާ) ގެ ފައިސާގެ އިނާމު ދިންއިރު، ރަނަރަޕް އެންވީކޭއަށް 10,000ރ (ދިހަ ހާސް ރުފިޔާ) ގެ ފައިސާގެ އިނާމު ވަނީ ދީފައެވެ. ޔުނައިޓެޑް ޔޫތަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އެޓީމުން، އެޓީމްގެ ހަރުގޭގައި ދޭކެއުމެއް މިރޭ 20:30 ގައި އޮންނާނެއެވެ. އެޓީމްވަނީ މިމުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައެވެ.


މުބާރާތުގެ މުހިއްމު ވަނަތައް ހާސިލުކުރި ކުޅުންތެރިންނާއި ކޯޗުންގެ ތަފްސީލު ތިރީގައި މިވަނީއެވެ:

މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ: އެންވީކޭގެ ޖާޒީ ނަންބަރު 7 މާލިކު.

މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިން:

ޔުނައިޓެޑް ޔޫތްގެ ބިލާލް

އެންވީކޭގެ މާލިކް

ޔުނައިޓެޑް ޔޫތްގެ އިބްރާހިމް ސަނީމް

އެންވީކޭގެ އަބުދުﷲ އަލީ

ޔުނައިޓެޑް ޔޫތްގެ ހުސައިން ފަޞީހް

ޖަންގަލް ޓީމްގެ އިސްމާއިލް މަންސޫރު

އެންމެ މޮޅު ލިބަރޯ: އެންވީކޭގެ އަލްހާން ފަޔާޒް

އެންމެ މޮޅު ކޯޗް: ޔުނައިޓެޑް ޔޫތްގެ ޓީމްގެ ކޯޗް އަލީ ރައްޒާން

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ: ޔުނައިޓެޑް ޔޫތްގެ ބިލާލް