ކުޑަކަތީބު މަގު ފައިނަލަށް، ބޮޑުމަގު އަދި ދުންތަރި ސެމީފައިނަލަށް!

.

އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އިންތިޒާމްކޮށްގެން ކުރިޔަށްގެންދާ، ޑަބުލިއު.ޑީ.ސީ އަންހެން ވޮލީ ބޯޅަ މުބާރާތް 2025، ގެ ފައިނަލަށް ކުޑަކަތީބު މަގު ޓީމް ދަތުރު ކޮށްފިއެވެ. އެޓީމުން މިމުބާރާތުގެ ފައިނަލުން ސީދާ ޖާގައެއް ކަށަވަރުކުރީ ގްރޫޕް ސްޓޭޖްގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައެވެ.

މިމުބާރާތުގެ ގްރޫޕް ސްޓޭޖް ލީގު އުސޫލުން ކުޅޭއިރު، އެންމެ ގިނައިން ޕޮއިން ހޯދާ ޓީމަށް ފައިނަލުން ސީދާ ޖާގައެއް ކަށަވަރު ވެއެވެ. އަދި ގްރޫޕްސްޓޭޖުން 2 ވަނަ އަދި 3 ވަނަ ހޯދާ ދެ ޓީމްގެ ސެމީފައިނަލަށް ދަތުރުކުރާނެއެވެ.  ގްރޫޕް ސްޓޭޖްގެ ދެވަނަ ޓީމްގެ ގޮތުގައި ދުންތަރި ސެމީ ފައިނަލުން ޖާގަ ހޯދިއިރު، ބޮޑުމަގު ސެމީ ފައިނަލަށް ދަތުރުކުރީ ގްރޫޕް ސްޓޭޖްގެ 3 ވަނަ ޓީމްގެ ގޮތުގައެވެ. ހަތަރު ޓީމް ވާދަކުރާ މިމުބާރާތުގައި ބައިވެރިވި، “ބަގީޗާ” އެޓީމް ކުޅެންޖެހޭ އެއްވެސް މެޗަކަށް ހާޒިރުވެފައެއް ނުވެއެވެ.

މިމުބާރާތުގެ ސެމީފައިނަލް ކުޅޭނީ މާދަމާ ރެއެވެ. ހުރަވީ އައުޓްޑޯރ ވޮލީ ކޯޓްގައި ކުޅޭ އެމެޗް ފަށާނީ މާދަމާރޭ 20:15 ގައެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 30000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ދެވަނަ ޓީމަށް 10000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.