އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ، ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތް 2025 ގައި ބައިވެރިވުމުގެ މުއްދަތު ހަމަވިއިރު، އެމުބާރާތުގައި ބައިވެރިވެފައިވަނީ ހަތަރު ޓީމަކުންކަމަށް މައުލޫމާތު ލިބިއްޖެއެވެ. އެއީ ޔުނައިޓެޑް ޔޫތް، ކުޅިމަގު، އިރަމާ އަދި ޑިފެންޑިންގ ޗެމްޕިއަން އެންވީކޭއެވެ.
މިއަހަރުގެ ކައުންސިލް ކަޕް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހުއެވެ. މިއަހަރުގެ މުބާރާތަށް ގެނެސްފައިވާ އެންމެ ބޮޑު ބަދަލަކީ ޗެމްޕިއަން ޓީމަށް ދޭ ފައިސާގެ އިނާމު، 15،000ރ އިން 50،000ރ އަށް ބޮޑު ކޮށްފައިވުމެވެ. މިއީ މިމުބާރާތް ކައުންސިލުން ކުރިޔަށްގެންދާ 8 ވަނަ ފަހަރެވެ. ކުރިން ފުޓްސަލް މުބާރާތެއްގެ ގޮތުގައި ކުޅެމުން އައި މިމުބާރާތް މިދިޔަ އަހަރުން ފެށިގެން ބާއްވަމުން އަންނަނީ އިލަވަން އަ ސައިޑް (ބޮޑު ގޯލް) މުބާރާތެއްގެ ގޮތުގައެވެ. މިއަހަރުގެ މުބާރާތް އޮންނާނީވެސް އިލަވަން އަ ސައިޑް ފޯމެޓަށެވެ.
މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ އެންވީކޭ އެވެ. އެޓީމްވަނީ 5 ފަހަރު މިމުބާރާތް ކާމިޔާބުކޮށްފައެވެ. މިދިޔަ އަހަރު ބޭއްވި ކައުންސިލް ކަޕްގެ ޗެމްޕިއަން ޓީމަކީވެސް އެންވީކޭ އެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ރަނާރސް އަޕް ޓީމަށް 15،000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.