ހއ. އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއިން އިންތިޒާމުކޮށްގެން ބާއްވާ އިމަގު ޣާޒީ ކަޕް 2025 – 19 އަހަރުން ދަށުގެ ފުޓްސަލް މުބާރާތުގެ ސެމީ ފައިންލެގެ ސީދާ ޖާގައެއް ކަށަވަރުކުރި ފުރަތަމަ ޓީމަށް ޖަންގަލް ވެއްޖެއެވެ. އެޓީމް ސެމީފައިނަލުން ޖާގައެއް ކަށަވަރުކުރީ ގްރޫޕް ސްޓޭޖްގައި ކުޅުނު ދެ މެޗުންވެސް މޮޅުވެގެންނެވެ.
ޖުމުލަ 6 ޓީމެއް ވާދަކުރާ މިމުބާރާތުގެ ކުޅުން ކުރިޔަށްދަނީ ދެ ގްރޫޕަކަށް ޓީމްތައް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕެއްގައި 3 ޓީމް އޮންނައިރު، ކޮންމެ ގްރޫޕަކުންވެސް އެއްވަނަ ހޯދާ ޓީމަށް ސެމީ ފައިނަލްގެ ސީދާ ޖާގައެއް ލިބެއެވެ. ދެވަނަ އަދި ތިންވަނަ ޓީމަށް ޖެހޭނީ ސެމީފައިނަލަށް ދިއުމަށް އިތުރު ޕްލޭ އޮފް މެޗެއް ކުޅޭށެވެ.
ގްރޫޕް ދޭއްގެ އެއްވަނަ ޓީމްގެ ގޮތުގައި ޖަންގަލް ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފައިވާއިރު، ގްރޫޕްގެ އެކަކުން ސެމީ ފައިނަލްގެ ސީދާ ޖާގަ ކަށަވަރުވާނީ މިއަދު ހަވީރު ކުޅޭ މެޗަށް ފަހުއެވެ. އެމެޗްގައި ބައްދަލުކުރާނީ ބޮޑުމަގު އަދި އުލިގަން ޔޫތްއެވެ. އެމެޗުން އެއްވަރު ކޮށްލައިގެން ބޮޑުމަގު ޓީމަށް ސެމީ ފައިނަލްގެ ސީދާ ޖާގައެއް ކަށަވަރު ކުރެވޭއިރު، އުލިގަން ޔޫތަށް ޖެހޭނީ މޮޅުވާށެވެ.
މިއީ އިމަގު ޖަމިއްޔާއިން މި މުބާރާތް ބާއްވާ ތިން ވަނަ ފަހަރެވެ. ވޭތުވެދިޔަ ދެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އިހަވަންދޫގެ ސެންސިޓީ ޓީމުންނެވެ. މިފަހަރުގެ މުބާރާތުގައި ސެންސިޓީ ބައިވެރިވިނަމަވެސް އެޓީމްގެ ނަން މުބާރާތް ފެށުމުގެ ކުރިން ސެންސިޓީ ޖޭ.އާރު އަށް ވަނީ ބަދަލުކޮށްފައެވެ. ސެންސިޓީ ޖޭ.އާރު ޓީމް ކުޅުނު ފުރަތަމަ މެޗްގައި ޖަންގަލް ވަނީ އެޓީމް ކޮށްޅަށް 14 ގޯލް ޖަހައިފައެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ރަނަރަޕް ޓީމަށް 7،000 ރުފިޔާ ލިބޭނެއެވެ. މި އަހަރުގެ މުބާރާތުން ފެނިގެންދާ އެންމެ ބޮޑު ތަފާތަކީ ޗެމްޕިއަން ޓީމަށް ދޭ ފައިސާގެ އިނާމު 3،000 ރުފިޔާއިން 20،000 ރުފިޔާއަށް ބޮޑުކޮށްފައިވުމެވެ.