އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއިން އިންތިޒާމުކޮށްގެން ބާއްވާ އިމަގު ޣާޒީ ކަޕް 2025 – 19 އަހަރުން ދަށުގެ ފުޓްސަލް މުބާރާތުގެ ފައިނަލަށް ބޮޑުމަގު އަދި ޖަންގަލް ދަތުރުކޮށްފިއެވެ.
ބޮޑުމަގު ފައިނަލަށް ދަތުރުކުރީ ރޭކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި ސެންސިޓީގެ މައްޗަށް 6-1 އިން ކުރި ހޯދައިގެންނެވެ. ސެމީ ފައިނަލްގެ ދެވަނަ މެޗުން އުލިގަން ޔޫތާއި ވާދަކޮށް ޖަންގަލް މޮޅުވީ 6-4 ގެ ނަތީޖާއަކުންނެވެ. މިމުބާރާތުގައި ޖަންގަލް ޓީމުވަނީ އެޓީމް ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައެވެ.
ހިންނަ ފުޓްސަލް ދަނޑުގައި ކުރިޔަށްދާ މިމުބާރާތުގެ ފައިނަލް މެޗް ކުޅޭނީ މާދަމާރޭ 20:15 ގައެވެ.
މިއީ އިމަގު ޖަމިއްޔާއިން މި މުބާރާތް ބާއްވާ ތިން ވަނަ ފަހަރެވެ. ވޭތުވެދިޔަ ދެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އިހަވަންދޫގެ ސެންސިޓީ ޓީމުންނެވެ. މިފަހަރުގެ މުބާރާތުގައި ސެންސިޓީ ބައިވެރިވިނަމަވެސް އެޓީމްގެ ނަން މުބާރާތް ފެށުމުގެ ކުރިން ސެންސިޓީ ޖޭ.އާރު އަށް ވަނީ ބަދަލުކޮށްފައެވެ. ސެންސިޓީ ޖޭ.އާރު ޓީމް ކުޅުނު ފުރަތަމަ މެޗްގައި ޖަންގަލް ވަނީ އެޓީމް ކޮށްޅަށް 14 ގޯލް ޖަހައިފައެވެ. ނަމަވެސް އެޓީމްގެ ކުޅުން ރަނގަޅުކޮށް ގްރޫޕް ސްޓޭޖްގެ ފަހު މެޗްގައި ޔުނައިޓެޑް ޔޫތް ބަލިކޮށްވަނީ ސެމީފައިނަލްގެ ފަހު ޖާގަ ކަށަވަރު ކޮށްފައެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ރަނަރަޕް ޓީމަށް 7،000 ރުފިޔާ ލިބޭނެއެވެ. މި އަހަރުގެ މުބާރާތުން ފެނިގެންދާ އެންމެ ބޮޑު ތަފާތަކީ ޗެމްޕިއަން ޓީމަށް ދޭ ފައިސާގެ އިނާމު 3،000 ރުފިޔާއިން 20،000 ރުފިޔާއަށް ބޮޑުކޮށްފައިވުމެވެ.