މޮޅަދޫގައި ފުޓްސަލް ދަނޑަކާއި ވޮލީ ކޯޓެއް ތަރައްޤީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

މުޙައްމަދު އަކުރަމް

ހއ. މޮޅަދޫގައި ފުޓްސަލް ދަނޑަކާއި ވޮލީ ކޯޓެއް ތަރައްޤީކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއި ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރިކްރިއޭޝަނުން ކުރިޔަށް ގެންދާ މިމަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ މިމަހުގެ 5 ވަނަދުވަހު ސްޕޯޓްސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔާޑް) އަހްމަދު ސައުދީއެވެ. މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރިކްރިއޭޝަން ގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އަބްދުالله ރާފިއުއެވެ.

މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރިކްރިއޭޝަން  މިނޫހަށް މައުލޫމާތު ދެއްވި ގޮތުގައި މޮޅަދޫ ފުޓްސަލް ދަނޑު ތަރައްޤީ ކުރުމަށް އެމްޓީސީސީ އާއި ހަވާލުކުރީ 1.74 މިލިއަން ރުފިޔާގެ އަގަކަށް 120 ދުވަސް ތެރޭގައި ނިންމާގޮތަށެވެ. އަދި އެރަށުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ވޮލީ ކޯޓްގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރީ 1.24 މިލިއަން ރުފިޔާގެ އަގަކަށް 120 ދުވަސް ތެރޭގައި ނިންމާގޮތަށެވެ.

މޮޅަދޫގެ އިތުރުން ހއ. މުރައިދޫ އަދި ދިއްދޫގައިވެސް ފުޓްސަލް ދަނޑު ތަރައްޤީކުރުމަށް މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރިކްރިއޭޝަން ، އެމްޓީސީސީ އާއި ވަނީ ހަވާލުކޮށްފައެވެ.