މޮޅަދު ކައުންސިލުން އިންތިޒާމްކުރި ނިޔަމިކޯސް ސެޓްފިކެޓް 2 ކާމިޔާބުކަމާއިއެކު ނިންމާލައިފި

މުޙައްމަދު އަކުރަމް

ހއ. މޮޅަދު ކައުންސިލުން އިންތިޒާމްކޮށްގެން، މޯލްޑިވެސް އިންސްޓިޓިއުޓް އޮފް ނޯޓިކަލް ސައިންސް (މިންސް) އާ ގުޅިގެން ކުރިޔަށް ގެންދިޔަ ނިޔަމިކޯސް ސެޓްފިކެޓް 2، 22 ބައިވެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިކޯސް ކުރިޔަށް ގެންދިޔައީ މިމަހުގެ 28 އިން 30 އަށެވެ.

މިކޯހުގައި މޮޅަދޫގެ އިތުރުން ހއ. އިހަވަންދޫ އަދި ހއ. އުލިގަމަށް ނިސްބަތްވާ ފަރާތްތަކުން ބައިވެރިވިއެވެ. ޖުމްލަ 22 ބައިވެރިއެއް މިކޯސް ފުރިހަމަ ކޮށްފައިވާކަމަށް މޮޅަދޫ ކައުންސިލުން މައުލޫމާތުދެއެވެ.

މޮޅަދޫ ކައުންސިލުން މައުލޫމާތު ދެއްވިގޮތުގައި މިއީ ވަރަށް ކާމިޔާބު ކޯހެއްކަމަށާއި، މިކޯސް ކުރިޔަށް ގެންދިޔުމުގައި އެހީތެރިވެދެއްވި މޯލްޑިވެސް އިންސްޓިޓިއުޓް އޮފް ނޯޓިކަލް ސައިންސް (މިންސް) އަށް ކައުންސިލާއި ކޯހުގެ ބައިވެރިންގެ ނަމުގައި ޝުކުރު އަދާކުރެއެވެ.

މިކޯސް ކުރިޔަށް ގެންދިޔުމުގެ މައިގަނޑު ބޭނުމަކީ، ނިޔަމިކަމުގެ ހުނަރާއި މައުލޫމާތު ފޯރުކޮށްދީ، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ހޯދާނެ ގޮތާއިގުޅޭ މައުލޫމާތު ރަށުގެ ޒުވާނުންނާއި އޮޑިދޯނިފަހަރު ގެންގުޅޭ ފަރާތްތަކަށް ފޯރުކޮށްދިނުމެވެ. އަދި ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް ނެގުމަށް މަގުފަހި ކޮށްދިނުމަށް އެހީތެރިވުމަކީވެސް މިކޯހުގެ ބޭނުމެކެވެ.

މޮޅަދޫ ކައުންސިލްގެ އެއް އަމާޒަކީ، މޮޅަދޫގައި އެއްގަމާއި ކަނޑު އުޅަނދުތައް ދުއްވާ ހުރިހާ ފަރާތްތަކަކީވެސް ލައިސަންސް ނަގައިގެން އުޅަނދުތައް ދުއްވާ ފަރާތްތަކަކަށް ހެދުމެވެ.