ރާއްޖޭގެ ގުދުރަތީ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފޭކަމާއިމެދު މެމްބަރު ނަސީރު ސުވާލު އުފައްދަވައިފި

.

ރާއްޖޭގެ މާހައުލުން ލިބެންހުރި ބައެއްކަހަލަ ގުދުރަތީ ވަސީލަތްތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފޭކަމާއިމެދު، އިހަވަންދޫ ދާއިރާގެ މެމްބަރު އަހްމަދު ނަސީރު ސުވާލު އުފައްދަވައި ވާހަކަ ދައްކަވައިފިއެވެ. މެމްބަރު ނަސީރު މިމޭރުމުން ވާހަކަދެއްކެވީ، މި ސަރުކާރުން ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަން ހުއްދަ ކުރުމާއި ގުޅިގެން، އެކަން ހުއްޓުވަން ގޮވާލާ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުންނެވެ.

ނަސީރު ވިދާޅުވީ، ވިއްކުމަށްޓަކައި އެކި ކަހަލަ ގަހަނާ ހަދަން ރާއްޖޭގެ ފަރުތަކުގައި ހުރި ރަތް މުރަކަތަކާއި އެންދެރި ބޭނުންކޮށް ބޮޑު ނަފައެއް ހޯދި ދާނެކަމުގައެވެ. “ރާއްޖޭގެ ކަނޑުތަކުގަ ހުރި ބައެއް މައުދަންތައް ނުނަގައި ދޫކޮށްލާފަ ހުރި އިރު، ގާތް ގަނޑަކަށް ރެޑް ކޮރަލް، ބްލެކް ކޮރަލް (އެންދެރި) މި އެއްޗެހި ބާޒާރު އަގުގަ ހުރީ 10،000 އާއި 20،000 ޑޮލަރާއި ދެމެދުގަ. ގަހަނާ އުފައްދައިގެން އެބަ ވިއްކާ ދުނިޔޭގެ އެހެން ގައުމުތަކުގަ. އެކަމު މި ގައުމުގަ އެއީ މަނާ ކަމެއް،” ނަސީރު ތަފްސީލް ކޮށްދެއްވިއެވެ. ދިވެހިންނަކީ އުފެއްދުންތެރި ބައެއްކަން ކާބަފައިންގެ ފަރާތުން ފެންނަން އެބަހުރި ކަމަށާއި މީގެ ކުރިން ރާއްޖޭގައި ވެސް މުރަކަ ބޭނުންކޮށްގެން ގަހަނާ ހަދައި ފަތުރުވެރިންނަށް ވިއްކި ކަމަށް އޭނާ ވިދާޅުވި އެވެ.

“18 ކެރެޓު ރަންކޮޅަކާ، 10 ގުރާމު ރެޑް ކޮރަލް އެއް ބޭނުންކޮށްލައިގެން 20،000 ޑޮލަރަށް ފަށުފުލެއް އެބަ ވިއްކާ ދުނިޔޭގެ ބާޒާރުގަ. ކީއްވެގެންތޯ އަޅުގަނޑުމެން މިހެން ތިބެންވީ. ކީއްވެގެންތޯ މިހެން ތިބެންވީ. ހަމައެކަނި އަޅުގަނޑުމެން ވީ ރިސޯޓު މުވައްޒަފުން ގެނެސްގެން އަޑިއަށް ލައިގެން ހުރިހާ އެންމެންނަކީ މުވައްޒަފުންނަށް ހަދައިގެން އުފެއްދުންތެރިކަން ދޫކޮށްލައިގެން ތިބެންވީތޯ،” ނަސީރު ސުވާލު އުފެއްދެވިއެވެ.

ގާނޫނާއި ގަވާއިދުތައް ހަދައިގެން ނިކަމެތި ރައްޔިތުން “މުއްސަނދި ކުރުމަށް” މިފަދަ ފުރުސަތުތައް ހުޅުވާލަން ޖެހޭނެ ކަމަށާއި މުރަކަ ނެގިޔަސް ތިމާވެއްޓަށް ގެއްލުންނުވާނެހެން ކަންކަން ކުރެވޭނެ ކަމަށް ދެކޭ ކަމަށް ނަސީރު ވިދާޅުވި އެވެ.