އެޗްޑީސީއިން ކުޑަކުދިންގެ ޕާކް ތަރައްޤީކުރާ 32 ރަށުގެ ތެރޭގައި މޮޅަދޫ އަދި ފިއްލަދޫ

މުޙައްމަދު އަކުރަމް

ރާއްޖޭގެ 32 ރަށެއްގައި ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމަށް ހައުސިންގ ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ހަވާލުކޮށްފައިވާއިރު، އެރަށްތަކުގެ ތެރޭގައި ހއ މޮޅަދޫ އަދި ފިއްލަދޫ ހިމެނިއްޖެއެވެ.

32 ރަށުގައި ކުޑަކުންގެ ޕާކް ތަރައްޤީކުރުމަށް ހައުސިންގ ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ހަވާލުކުރީ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާގެ ރަށްވެހި މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި މިމަހުގެ 10 ވަނަ ދުވަހުއެވެ. ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއިބެހޭ ވުޒާރާގެ ފަރާތުން މިކަމާއިގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ ފައިނޭންޝަލް އެގްޒެކެޓިވް މުޙައްމަދު ސަރާޙެވެ. އެ.ޗް.ޑީސީގެ ފަރާތުން ސޮއިކުރެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއާ ޖެނެރަލް (ރޓޑ) ޢަލީ ޒުހައިރުއެވެ.

މިރަސްމިއްޔާތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރުވަނީ ފާއިތުވި ދެ އަހަރުގައި ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތަފްސީލު ދެއްވާފައެވެ. ވަޒީރު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި ކުދިން ހެދިބޮޑުވުމަށާއި އަދި ކުދިން މުނިފޫހިފިލުމުގެ ގޮތުން ކޮންމެ ރަށެއްގައިވެސް ކުޑަކުދިންގެ ޕާކެއް ތަރައްޤީކުރުން ހިމެނޭކަމަށެވެ. އަދި 2026ވަނަ އަހަރުގެ ނިޔަލަށް މި މަސައްކަތް ނިންމުމަށް ރައީސް ވަނީ އިރުޝާދު ދެއްވާފައިކަމަށް ވަޒީރު ވިދާޅުވިއެވެ.