އަދިވެސް ކުރިޔަށްދަނީ، ހޯރަފުށީ އެއަރޕޯޓު ޖެޓީގެ ވޯކްވޭ ހެދުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްކަމަށް ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއިން ބުނެފިއެވެ. އެކުންފުނިން މިހެން ބުނެފައިވަނީ މިނޫހުންކުރި ސުވާލެއްގެ ޖަވާބުގައެވެ.
ހޯރަފުށީ އެއަރޕޯޓް ހުޅުވިތާ 5 އަހަރާއި 4 މަސް ވެފައިވާއިރު، އަދިވެސް އެއަރޕޯޓް ޖެޓީއާއި ހަމަޔަށް ދިޔުމަށް ވޯކްވޭއެއް ނެތުމުން އެއާރޕޯޓް ބޭނުންކުރަމުންދާ ފަރާތަކަށްދަނީ އިންތިހާއަށް ދަތިވަމުންނެވެ. މިކަމާއި ގުޅިގެން އެއަރޕޯޓް ހިންގާ ކުންފުންޏާ ސުވާލުކުރުމުން މިދިޔަ އަހަރުގެ މާރިޗް މަހު ޖަވާބު ދީފައިވަނީ، ހޯރަފުށި އެއަރޕޯރޓްގައި ވޯކްވޭއެއް ނެތުމުން، ދިމާވާ ދަތިތައް ހައްލުކުރުމުގެ މަސައްކަތް ނިމޭނެ ދުވަހެއް މިވަގުތު ދެންނެވެންނެތް ކަމުގައެވެ.
އެއަށްފަހު މިދިޔަ ޑިސެމްބަރމަހު އެކުންފުނިން ޖަވާބު ދީފައިވަނީ، މިހާރު ކުރިޔަށްދަނީ ޖެޓީއެއް ހެދުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްކަމަށެވެ. އެގޮތުން އެޕްރޮޖެކްޓަށް ބޭނުންވާ ބަޖެޓް ކަންޑައަޅައި، ފައިސާ ހޯދުމުގެ މަރުހަލާ މިހާރު ކުރިޔަށްދާކަމަށް އެކުންފުނިން މައުލޫމާތުދިނެވެ.
ހޯރަފުށި އެއަރޕޯރޓްގެ ޖެޓީ ބޭނުންކުރާތާ ދެ އަހަރަށްވުރެ ގިނަދުވަސް ވެފައިވާއިރު، ޖެޓީއާއި ހަމަޔަށް ދާނެ ވޯކްވޭއެއް ނެތުމުން ޓްރޮލީ ނުދުއްވޭތީ، އެއާރޕޯޓް ޖެޓީ ބޭނުންކުރަމުންދާ ފަރާތަކަށް އަދިވެސް އެދެމެދު ހުރަސްކުރަންޖެހެނީ ލަގެޖް އަތުން އުފުއްލައިގެންނެވެ. ވިއްސާރަނަމަ ދާންޖެހެނީ ތެމިގެންނެވެ. އަދި އެސަރަހައްދުގައި ޗަކަ އޮންނާތީ އިތުރަށް އުނދަގޫވެއެވެ. އެއަރޕޯޓްގެ ޓާމިނަލާއި ޖެޓީއާއި ދެމެދު ހުންނަނީ 140 ހަކަށް މީޓަރުނަމަވެސް އެދެމެދުގައި ބަގީއެއްވެސް ދަތުރު ކޮށްދެނީ ބޮޑު އަގުގައެވެ.
ވޯކްވޭ ނެތުމުން ލަގެޖް ޓްރޮލީ އެސަރަހައްދުގައި ނުދުއްވޭއިރު، ލަގެޖް ޓްރޮލީގެ ބަދަލުގައި ވީލް ބަރޯ ފަދަ އުޅަނދު ބަހައްޓާފައި ހުންނަނަމަ އެއަރޕޯޓް ބޭނުންކުރާ ފަރާތްތަކަށް ފަސޭހަ ވެގެންދާނެކަމަށް އެއަރޕޯޓް ބޭނުންކުރާ ބައެއް ފަރާތްތަކުން ބުނެއެވެ.