ހއ. އުލިގަމު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢު އެ ކުންފުންޏާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދުއެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމްއެވެ.
އުލިގަމު މަގު ހެދުމުގެ މަޝްރޫޢުގެ އިތުރުން، ރާއްޖޭގެ އިތުރު ދެ ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތްވެސް އެ ދުވަހު ވަނީ އާރުޑީސީއާ ހަވާލުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ރ. މާކުރަތު މަގު ހެދުމުގެ މަޝްރޫޢާއި، ގއ. ވިލިނގިލީ މަގު ހެދުމުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތެވެ.