ހއ އިހަވަންދޫ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ސައިޓްގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފަންޑަށް ޖަމާކުރަންޖެހޭ %7 ކެނޑިނަމަވެސް އެފައިސާ ޕެންޝަން ފަންޑަށް ޖަމާކުރަމުންނުދާ މައްސަލައެއް ފެންމަތިވެއްޖެއެވެ. އެގޮތުން އެމުވައްޒަފުންގެ ޕެންޝަން އެކައުންޓަށް ފައިސާ ޖަމާކުރަމުން ނުދާތާ މިހާރުވަނީ އެތައްމަހެއް ވެފައެވެ.
ޕެންޝަނަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގެކެވެ. ޕެންޝަން ފައިސާގެ އެއް ބަޔަކީ މުވައްޒަފުންގެ މުސާރައިން ކަނޑާ އަދަދެކެވެ. އަނެއް ބައި ދައްކާނީ ވަޒީފާ ދިން ފަރާތުންނެވެ. އެ ފައިސާ ޕެންޝަން ފަންޑަށް ޖަމާކުރާނީ ވަޒީފާ ދިން ފަރާތުންނެވެ. ޕެންޝަން ތައާރަފުކުރީ މުވައްޒަފުން ޚިދުމަތްކުރުމަށް ފަހު، ރިޓަޔާކުރުމުން އާމްދަނީއެއް ލިބޭނެ މަގުފަހިކުރާށެވެ. އެ ގޮތުން ވަޒީފާ ދޭ ފަރާތުން ހަތް އިންސައްތައާއި މުވައްޒަފުގެ މުސާރައިން ހަތް އިންސައްތައާ އެކު ޖުމުލަ 14 އިންސައްތަ ޕެންޝަން ފަންޑަށް ޖަމާކުރަން ޖެހޭނެއެވެ. އެހެންކަމުން، ރިޓަޔާވުމުން ލިބޭ ފައިސާގެ އަދަދު ބިނާވާނީ ޕެންޝަން ލިބޭ އުމުރު ހަމަވާއިރު އެ މީހެއްގެ ރިޓަޔާމަންޓް ސޭވިންސްގެ ގޮތުގައި ޖަމާވެފައި ހުރި އަދަދެއްގެ މައްޗަށެވެ.
މިކަމާ ގުޅިގެން މިނޫހުން ސުވާލުކުރުމުން، އާރްޑީސީ އިން ބުނީ މުވައްޒަފުންގެ މުސާރައިން ޕެންޝަން އޮފީހަށް ޖަމާކުރަންޖެހޭ ބައި ޖަމާކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވަނީ އެކޯޕަރޭޝަނުގެ މާލީ ހާލަތު ހުރިގޮތުން ކަމުގައެވެ. ނަމަވެސް މިހާރު ޕެންޝަން ފައިސާއާގުޅޭ ކަންކަމުގައި ފިނޭންސް މިނިސްޓްރީއާ މަޝްވަރާތައް ކުރަމުންދާކަމަށް އާރްޑީސީއިން މައުލޫމާތު ދިނެވެ. އަދި އެ މައްސަލަ ވީހާވެސް އަވަހަށް ހައްލުކުރެވިގެން ދާނެކަމަށް އާރްޑީސީއިން ބުންޏެވެ.
ޕެންޝަން ފައިސާ ޤާނޫނުގައިވާ މުއްދަތުގައި ޕެންޝަން ފަންޑަށް ޖަމާނުކުރާނަމަ، ގެއްލިގެންދާ މުވައްޒަފުންގެ ހައްޤަކީ އިޔާދަކުރެވޭނެ ކަމެއް ނޫނެވެ. ސަބަބަކީ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމަކީ، ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުން ކަނޑައެޅިފައިވާ ވަކި އަދަދަކަށް ސްކީމަށް ފައިސާ ދައްކައި، އެ ފައިސާ އިންވެސްޓް ކޮށްގެން ރިޓަޔަރމަންޓަށް ފައިސާ ރައްކާކުރެވޭ ޕެންޝަން ނިޒާމަކަށް ވުމެވެ. މިފަދަ އެހެން ޕެންޝަން ނިޒާމުތަކެކޭ އެއްފަދައިން މި ނިޒާމްގެ ދަށުން މުވައްޒަފަށް ޕެންޝަންގެ ގޮތުގައި ލިބޭނެ މިންވަރު ބިނާވާނީ، ޕެންޝަން ލިބޭ އުމުރު ހަމަވާއިރު އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގްސްގެ ގޮތުގައި ޖަމާވެފައި ހުރި އަދަދެއްގެ މައްޗަށެވެ. އެހެންކަމުން ވަޒީފާދޭ ފަރާތުން ޖަމާކުރަންޖެހޭ ފައިސާ ކަނޑައަޅާފައިވާ މުއްދަތުގައި ޖަމާކުރަމުން ނުދާނަމަ، އިންވެސްޓްމަންޓް ގެއިންގެ ގޮތުގައި ލިބޭ ފައިސާއިން މުވައްޒަފުން މަހްރޫމްވެގެން ދާނެއެވެ.