ބަންދު ކޮށްފައިވާ ސިޑީގެ ހާލަތު ގޯސްވެ، ކަދުރު ރުއް ހެދެން ފަށައިފި!

.

ކީވޯލް އަޑިއަށްގޮސް ގަނބައިގަނެ އަރިވުމުގެ ސަބަބުން ބަންދުކޮށްފައިވާ ސިޑީގެ ހާލަތު ގޯސްވެ ކަދުރު ރުއް ހެދެން ފަށައިފިއެވެ.

ސިޑީގެ ކީވޯލް އަޑިއަށް ދާތީ، އެސިޑި އިހަވަންދޫ ކައުންސިލުން ބަންދު ކުރިތާ، 2 އަހަރާއި 6 މަސް ދުވަސް ވެފައިވާއިރު، ސިޑި އަދި ސިޑި އާއި އިންވެގެންއޮތް އެއްގަމު ތޮށީގެ ހާލަތު މިހާރުވަނީ ބޮޑުތަނުން ގޯސްވެފައެވެ. އެގޮތުން ކީވޯލްގެ ދަށުން ވަރަށް ބޮޑަށް  ވެލިގަނޑު ދަމައިގަނެ ކޮންކްރީޓް ޕައިލްތައް މިހާރުވަނީ ރޫޅެން ފަށައިފައެވެ.

ފެރީ ޓާމިނަލް ކުރިމަތިން ޕަސެންޖަރުންނަށް  ހާއްސަކޮށްފައިވާ ސިޑީގެ ކީވޯލް އަޑިއަށް ދާތީ، އެސިޑި އިހަވަންދޫ ކައުންސިލުން ބަންދުކޮށްފައިވަނީ 2023 ވަނަ އަހަރުގެ އޯގަސްޓް މަހުއެވެ.

އިހަވަންދޫ ކައުންސިލުން އެސިޑި ބަންދުކޮށްފައިވަނީ، އެސިޑި ގަނބައިގެންގޮސް އަރިވުމުގެ ސަބަބުން އެސިޑި ބޭނުންކުރާ ފަރާތްތަކަށް ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ފުރުސަތު އޮތްކަމަށް އެކައުންސިލަށް ޤަބޫލުކުރެވޭތީކަމަށް އިހަވަންދޫ ކައުންސިލުން އޭރު ބުންޏެވެ. އޭރު ސިޑި  ބަންދުކުރީ ޓޭޕް ދަމައިގެންނެވެ. ނަމަވެސް ސިޑި އިތުރަށް ގެބައިގަނެ ނުރައްކާތެރި ހާދިސާއެއް ހުނގުމުގެ ފުރުސަތު އޮތުމުން ސިޑި ވަށައިގެން ދަގަނޑު ޖަހައިގެން ބަންދު ކޮށްފައިވަނީ 26 ޖޫން 2024 ގައެވެ.

ފެރީޓާމިނަލް ސިޑި ބަންދު ކޮށްފައިވާތީ، މިހާރު އަރާފޭބުމަށް ބޭނުންކުރަމުންދަނީ އިހަވަންދޫ ޕޮލިސް ސްޓޭޝަން ކުރިމަތީގައިވާ ސިޑިއެވެ.  އެހެންކަމުން ފެރީޓަމިނަލްގެ ބޭނުން  ފުރިހަމަ ގޮތުގައި މިހާރަކު ނުކުރެވެއެވެ.

އިހަވަންދޫއަކީ ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ބަޔަކު އަރާ ފައިބާ، ކަނޑުދަތުރުފަތުރުގެ ގޮތުން ބާރުބޮޑު ރަށަކަށް ވާއިރު، އާންމުކޮށް އެންމެ ސިޑިއެއް ބޭނުންކުރަން ޖެހުމުން އުޅަނދުފަހަރު އޮޕަރޭޓްކުރާ ފަރާތްތަކަށް ވެސް ވަނީ ބޮޑު ތަކުލީފަކަށް ވެފައެވެ. ސިޑިން ޖާގަ ނުލިބިގެން ގިނަ އުޅަނދުތަކެއް ކިއުގައި އޮންނަން ޖެހޭއިރު، ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތްދޭ އާރުޓީއެލް ލޯންޗުތަކަށް ވެސް ބައެއް ފަހަރު ސިޑިއާ ގާތް ނުކުރެވި ގިނަ އިރުތަކެއް ވަންދެން މަޑުކުރަން ޖެހެއެވެ.
އިހަވަންދޫ ކައުންސިލުން ބާއްވާ ރައްޔިތު ބައްދަލުވުންތަކުގައި މިކަމުގެ ވާހަކަ ވަރަށް ގިނައިން ދެކެވެއެވެ. އެ މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ގިނަ ސިޓީތަކެއް ފޮނުވައި، އެކި ފެންވަރުގެ ބައްދަލުވުންތަކުގައި މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށްވެސް ކައުންސިލުން މައުލޫމާތު ދެއެވެ.

ޚިޔާލު ފައުޅުކުރުން

ކަދުރުރުއް ހެދޭނީ ތަނެއްގެ ހާލަތު ވަރަށް ރަނގަޅުވީމަ.