ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ އިސްނެގުމުގެ މަތިން، އިހަވަންދޫގައި ގެވެހި ކަނބަލުންގެ އުފެއްދުންތައް ދައްކާލުމަށް ބާއްވާ މައުރަޒެއް މިއަދު ހަވީރު ފެށުމަށް ވަނީ ހަމަޖެހިފައެވެ. “ހިޔަލަ އެކްސްޕޯ 2026″ ގެ ނަމުގައި މި ފެށޭ މައުރަޒު ކުރިއަށް ދަނީ މިއަދު ހަވީރު 16:00 ން މިރޭގެ 22:00 އަށެވެ.
މިމައުރަޒުގައި ތަފާތު ކާނާގެ ބާވަތްތަކާއި އަތްތެރި މަސައްކަތުގެ އުފެއްދުންތައް ދައްކާލުމަށް 11 ސްޓޯލެއް ބެހެއްޓިފައި ހުންނާނެކަމަށް އިހަވަންދޫ ބީސީގެ ފަރާތުން މައުލޫމާތު ދެއެވެ. ” ޖުމްލަ 11 ސްޓޯލެއް ހުންނާނެ. ކާބޯތަކެއްޗާ އަމިއްލަ އުފެއްދުންތަކާއި އަތްތެރި މަސައްކަތުގެ އުފެއްދުންތަށްވެސް ހުންނާނެ. ސްޓޯލަށް ޒިޔާރަތް ކުރާ ފަރާތްތަކަށް އިނާމުވެސް ލިބިގެންދާނެ އެކްސްޕޯ ތެރޭން. އަދި ބޮޑުއިނާމަށް ނަންހުށެހުޅުމަށްވެސް ފުރުސަތު ލިބިގެންދާނެ.” އިހަވަންދޫ ބީ.ސީ ގެ އެސިސްޓެންޓް މެނޭޖަރ ޢަބްދުﷲ އިމްރާން ވިދާޅުވިއެވެ.
އެކްސްޕޯއާ ގުޅުވާ ހަދާފައިވާ ލަވައެއް ލާންޗް ކުރުމާއި، ކުޑަކުދިންގެ ކުޅިވަރު ހަރަކާތްތަކެއްވެސް މިއަދު ހަވީރު އޮންނާނެކަމަށް މައުލޫމާތު ލިބެއެވެ.
މިއީ، އިހަވަންދޫގައި ފުރަތަމަ ފަހަރަށް ކަނބަލުންގެ މަސައްކަތްތަށް ދައްކާލުމަށް ބޭއްވޭ މައުރަޒަށްވެފައި މި މައުރަޒަށް ވީހާވެސް ގިނަ ބޭފުޅުން ދުރުވުމަށް އިހަވަންދޫ ބީސީގެ ފަރާތުން ދައުވަތު ދެއެވެ.