ހުރަވީ ދަނޑުގެ މަސައްކަތް ނިމޭނީ އަންނަ އޭޕްރީލް މަހު ކަމަށް، އިހަވަންދޫ ހުރަވީ ދަނޑު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އިން ބުނެފިއެވެ. އެކުންފުނިން މިހެންބުނީ ދަނޑުގެ މަސައްކަތް ނިމޭނެ ދުވަހަކާއި ގުޅޭގޮތުން މިނޫހުންކުރި ސުވާލެއްގެ ޖަވާބުގައެވެ.
އާރުޑީސީއިން މިނޫހަށް މައުލޫމާތު ދިންގޮތުގައި، ހުރަވީ ދަނޑުގައި ޓާފްއެޅުމުގެ މަސައްކަތް ލަސްވެފައިވަނީ ޓާފް އެޅުމަށް ބޭނުންވާ މެޓީރިއަލްސް ރާޖެއަށް ގެނެވިފައިނުވާތީއެވެ. ޓާފްއެޅުމަށް ބޭނުންވާ މެޓީރިއަލްސް ހޯދުމަށް އެސްޓީއޯއާ ހަވާލުކޮށްފައިވާކަމަށްވެސް އާރުޑީސީއިން މައުލޫމާތު ދިނެވެ.
ހުރަވީ ދަނޑުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ. މަސައްކަތް ފެށުމަށްފަހު ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށް ގެންގޮސް، މިދިޔަ އަހަރުގެ މެއި މަހުގެ ނިޔަލަށް ދަނޑުގެ ސަބްބޭސްގެ މަސައްކަތް ވަނީ އެއްކޮށް ނިންމާފައެވެ. ނަމަވެސް، ޓާފް އެޅުމުގެ މަސައްކަތް ލަސްވުމުގެ ސަބަބުން މިހާރު ދަނޑުގައި ކުރަމުންދަނީ ސަބްބޭސްގައި ފަޅާފައިވާ ވިނަތައް ނޮޅައި ސާފުކުރުމުގެ މަސައްކަތެވެ.
ޖުމްލަ 150 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މި މަޝްރޫޢަށް މިއަދާ ހަމައަށް 371 ދުވަސް ވެފައިވާއިރު، ދަނޑުގެ މަސައްކަތް ދިގުލައިގެން ދިއުމުގެ ސަބަބުން އިހަވަންދޫގެ ކުޅިވަރު ކުޅުންތެރިންނަށާއި ޒުވާނުންނަށް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ.