ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ހއ. އުލިގަން ސައިޓަށް 50 މުވައްޒަފުން ހޯދަން އިއުލާންކޮށްފިއެވެ.
އެކުންފުނީގެ އުލިގަން ސައިޓަށް ހޯދަން އިއުލާންކުރީ ސައިޓް މެނޭޖަރަކާއި، އެސިސްޓެންޓް ސައިޓް މެނޭޖަރެއް، 4 ސްޕަވައިޒަރުން، 2 އިވެންޓް މެނޭޖްމެންޓް އޮފިސަރުން، 2 ޕްރޮޖެކްޓް އެސިސްޓެންޓުން، އިލެކްޓްރީޝަނެއް، ކާޕެންޓަރެއް، މެކޭނިކެއް، ވެލްޑަރެއް، 5 މޭސަނުން، 2 ލޮރީ ޑްރިވަރުން، 2 އެކްސްކަވޭޓަރު އޮޕަރޭޓަރުން، 2 ހެވީ ވެހިކަލް އޮޕަރޭޓަރުން، 5 ސެކިއުރިޓީ ގާޑް އަދި 20 ސަޕޯޓް ސްޓަރފުންނެވެ. މިވަޒީފާ ތަކުގެ މުސާރަ އުޅެނީ 25،450ރ އިން ފެށިގެން 8000ރ އާއި ދޭތެރޭގައެވެ.
އާރުޑީސީ އުލިގަމު ސައިޓަށް ގިނަ މުވައްޒަފުންތަކެއް ނަގަން އިއުލާން ކުރިއިރު، އުލިގަމުގެ ބޮޑެތި މަޝްރޫއުތަކެއް އާރުޑީސީއާ ވަނީ ހަވާލުކޮށްފައެވެ. އޭގެ ތެރޭގައި އުލިގަމު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުއާ އުލިގަމު ސްކޫލްގެ މަލްޓި-ޕާޕަސް ހޯލާއި އައު ސްޓާފް ރޫމް އިމާރާތްކުރުމުގެ މަސައްކަތް ހިމެނެއެވެ.
އުލިގަމާއި އެކު 7 ރަށަކަށް ގިނައަދަދެއްގެ މުވައްޒަފުން ހޯދަން އާރުޑީސީ އިން އިއްޔެވަނީ އިއުލާން ކޮށްފައެވެ. އެގޮތުން 174 މުވައްޒަފުން ހޯދަން އިއުލާންކޮށްފައިވާއިރު އާންމުކޮށް އިއުލާން ނުކޮށްވެސް އެކުންފުންޏަށް މުވައްޒަފުން ނަގަމުން ދާކަމަށް ބައެއްފަރާތްތަކުން ބުނެއެވެ. ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން އާރުޑީސީއިން އިއުލާންކުރިއިރު، ލޯކަލް ކައުންސިލް އިންތިހާބު އަންނަ މަހުގެ 4 ވަނަ ދުވަހު އޮންނާނެއެވެ.