އުނބައްޖަހައި، އެސްޓީއޯ އިން ތެލުގެ އަގު ހެއޮކުރާނެކަމަށް ބުނެފި!

މުޙައްމަދު އަކުރަމް

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން ރާއްޖޭގައި އަމިއްލަ ވިޔަފާރިތަކަށް ވިއްކާ ތެލުގެ އަގު ބޮޑުކުރަން ނިންމި ނިންމުން ބަދަލުކޮށް، ކުރީގެ އަގުތަކުގައި ތެޔޮ ފޯރުކޮށްދިނުމަށް ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ނިންމާފައިވާކަމަށް ބުނެފިއެވެ.

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އެތައް ގުނައަކުން އުފުލިފައިވާތީ، އެސްޓީއޯ އިން އިއްޔެ ވަނީ އަމިއްލަ ވިޔަފާރިތަކަށް ވިއްކާ ތެލުގެ އަގު ބޮޑުކޮށްފައެވެ. ނަމަވެސް، އެސްޓީއޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އާންމު ދަތުރުފަތުރާއި ޕަބްލިކް ފެރީގެ ހިދުމަތް ދޭ ފަރާތްތަކަށް ކުރިން ވެސް ކަނޑައަޅާފައިވާ ހެޔޮ އަގުތަކުގައި ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި، ސަރުކާރުން މަސްވެރިންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ ‘ފަހިހަކަތަ’ ޕްރޮގްރާމްގެ ދަށުން، ސަބްސިޑީ ދީފައިވާ އަގުތަކެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ކުރިއެކޭ ވެސް އެއްގޮތަށް މިހާރު ދެމިއޮންނާނެ އެވެ.
އެސްޓިއޯގެ ސަބްސިޑަރީ ކުންފުނި، އެފްއެސްއެމް އިން އިއްޔަވަނީ އެކުންފުނީގެ ފިއުލް ޝެޑްތަކުން އާމުންނަށް ވިއްކަމުންދިޔަ ތެއޮ ފިޔަވާ އެހެން ފަރާތްތަކަށް ވިއްކަމުންދިޔަ ތެއޮ އަގުބޮޑު ކޮށްފައެވެ. އެގޮތުން އިހަވަންދޫގައިވެސް ޑީސަލް ލިޓަރަކުން %58 ބޮޑު ކުރިއިރު ޕެޓްރޯލް ލިޓަރަކުން %64 ބޮޑު ކުރިއެވެ.