އެސްޓީއޯއިން ދޮގުހެދުމުން މަސްވެރިންނާއި އާންމުންގެ ރުޅިވެރިކަން އިންތިހާއަށް!

މުޙައްމަދު އަކުރަމް

އާންމު ދަތުރުފަތުރާއި ޕަބްލިކް ފެރީގެ ހިދުމަތް ދޭ ފަރާތްތަކަށް ކުރިން ކަނޑައަޅާފައިވާ ހެޔޮ އަގުތަކުގައި ތެޔޮ ފޯރުކޮށްދޭނެ ކަމަށް ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނި ނަމަވެސް، އެ އިންތިޒާމު މިހާތަނަށް ހަމަޖެހިފައި ނުވާތީ މަސްވެރިންނާއި އާންމުންގެ ރުޅިވެރިކަން އިންތިހާއަށް ބޮޑުވެއްޖެއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން ރާއްޖޭގައި އަމިއްލަ ވިޔަފާރިތަކަށް ވިއްކާ ތެލުގެ އަގު ބޮޑުކުރަން ނިންމި ނިންމުން ބަދަލުކޮށް، ކުރީގެ އަގުތަކުގައި ތެޔޮ ފޯރުކޮށްދޭން ނިންމާފައިވާ ކަމަށް ބުނެ އެސްޓީއޯއިން ބަޔާނެއް ނެރުނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. ނަމަވެސް، އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، އެފްއެސްއެމް އިން މިއަދާ ހަމައަށްވެސް އެފަދަ އެއްވެސް އިންތިޒާމެއް ހަމަޖައްސާފައި ނުވާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ހއ. އިހަވަންދޫގައި ހުންނަ އެފްއެސްއެމް ފިއުލް ސްކިޑަށް ރޭގެ ވަގުތެއްގައި ރަށުން ބޭރު ފަސް އުޅަނދެއް ތެޔޮ އެޅުމަށް އައެވެ. އެހެންނަމަވެސް، އެސްޓީއޯއިން އިއުލާނުކުރި ގޮތަށް ތެލުގެ އަގު ހެޔޮކޮށްފައި ނުވާތީ، އެ ފަރާތްތަކުން ވަނީ  ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ތެޔޮ އަންދައިގެން ތެޔޮ އަޅަން އައި އުޅަނދުތަކަށް މިކަމުގެ ސަބަބުން ވަނީ މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މީގެ އިތުރުން، އިހަވަންދޫގައި ލޯންޗް ދަތުރުފަތުރުގެ ހިދުމަތް ދޭ ފަރާތްތަކުންވެސް ވަނީ އެސްޓީއޯއަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި، އަގުހެޔޮކޮށް ތެޔޮ ލިބޭނެ ކަމަށް ބުނެ އެސްޓީއޯއިން ހެދީ ދޮގެކެވެ. މިހާރުވެސް ދަތުރުތައް ކުރަން ޖެހެނީ ދެގުނަ އަގުބޮޑު ތެޔޮ އަޅައިގެން ކަމަށާއި، އޭގެ ސަބަބުން ކަސްޓަމަރުންގެ އަތުން ބޮޑު އަގު ނަގަން ޖެހުމުން އާންމުންގެ ކުރިމަތީގައި “ވިލަން” އަކަށް ވަނީ ހިދުމަތް ދޭ މީހުން ކަމަށް އެމީހުން ބުނެއެވެ. އެސްޓީއޯގެ މި އަމަލަކީ ރައްޔިތުންނަށް އޮޅުވާލުން ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައިވެސް ފާޑުކިޔަމުންނެވެ.
އެސްޓިއޯގެ ސަބްސިޑަރީ ކުންފުނި، އެފްއެސްއެމް އިން މިމަހުގެ 16 ވަނަ ދުވަހުވަނީ އެކުންފުނީގެ ފިއުލް ޝެޑްތަކުން އާމުންނަށް ވިއްކަމުންދިޔަ ތެއޮ ފިޔަވާ އެހެން ފަރާތްތަކަށް ވިއްކަމުންދިޔަ ތެއޮ އަގުބޮޑު ކޮށްފައެވެ. އެގޮތުން އިހަވަންދޫގައިވެސް ޑީސަލް ލިޓަރަކުން %58 ބޮޑު ކުރިއިރު ޕެޓްރޯލް ލިޓަރަކުން %64 ބޮޑު ކުރިއެވެ.