1.39 މިލިއަން ރުފިޔާ ހޯދަން ހަޒް އިންވެސްޓްމަންޓުން އިހަވަންދޫ ކައުންސިލާ ދެކޮޅަށް ދައުވާކޮށްފި!

ޒިޔާޢު އަހްމަދު

1,397,466.03 (އެއް މިލިއަން، ތިން ލައްކަ ނުވަދިހަ ހަތްހާސް ހަތަރުސަތޭކަ ފަސްދޮޅަށް ހަރުފިޔާ ތިންލާރި) ހޯދަން ހަޒް އިންވެސްޓްމަންޓުން އިހަވަންދޫ ކައުންސިލާ ދެކޮޅަށް ދައުވާ ކޮށްފިއެވެ.

ހަޒް އިންވެސްޓްމަންޓުން މިދައުވާ ކޮށްފައިވަނީ، އިހަވަންދޫ ޕްރީ ސްކޫލްގެ ނުނިމިހުރި މަސައްކަތްތައް ކުރުމަށް އިހަވަންދޫ ކައުންސިލާއިއެކު ހެދި އެއްބަސްވުމާއި ހަޒް އިންވެސްޓްމަންޓުން ހިލާފުވެ، މަސައްކަތް މުއްދަތައް ނުނިންމާކަމަށާ އަދި ބައެއް މަސައްކަތް ކޮށްފައިވަނީ ކައުންސިލުން ދީފައިވާ މައުލޫމާތާއި ބީއޯކިއު އާއި އެއްގޮތަށް ނޫންކަމަށް ބުނެ، ލިކުޑޭޓެޑް ޑެމޭޖްސްގެ ގޮތުގައި މަސައްކަތުގެ ޖުމުލައަގުގެ %15 އަށްވާ އަދަދު މަސައްކަތުގެ އަގުން ކެނޑުމުންނެވެ.

އެމަސައްކަތުގެ ލިކުޑޭޓެޑް ޑެމޭޖްސްގެ ގޮތުގައި ކައުންސިލުން ކަނޑާފައިވާ މަސައްކަތުގެ ޖުމުލައަގުގެ %15 އަށް 391996.29ރ އަރައެވެ. މިމައްސަލާގައި ހަޒް އިންވެސްޓްމަންޓުން އެދިފައިވާ އެ 391996.29ރ އަދި އެފައިސާ ނުލިބިވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 1005470.48ރ އާއި އެކު ޖުމުލަ 1,397,466.03ރ ނަގައި ދިނުމަށެވެ.

މިހިނގާ މާރިޗް މަހުގެ 3 ވަނަ ދުވަހު ހަޒް އިންވެސްޓްމަންޓުން ހުށަހަޅާފައިވާ ދައުވާގައި ވާގޮތުން، ލިކުޑޭޓެޑް ޑެމޭޖްސްގެ ގޮތުގައި މަސައްކަތުގެ ޖުމުލައަގުގެ %15 އުނިކުރުމަށް އިހަވަންދޫ ކައުންސިލުން ދައްކާފައިވާ ހުއްޖަތްތަކަށް، ހަޒް އިންވެސްޓްމަންޓުން ދެކޮޅު ހަދައެވެ. އެގޮތުން އެމަސައްކަތަށް ގެނެވުނު ވޭރިއޭޝަންއާއި، މޫސުން ތަންނުދޭތީ އިތުރުކުރެވުނު މުއްދަތާއިއެކު މުއްދަތު ހަމަވާ ތާރީހަކީ 2025 ވަނަ އަހަރުގެ މާރިޗް މަހުގެ 25 ވަނަ ދުވަސްކަމަށް ހަޒް އިންވެސްޓްމަންޓުން ބުނެފައިވެއެވެ. “އެހެންކަމުން އެގްރީމަންޓްގައި ކުރަން ހުރި މަސައްކަތް (މި މުއްދަތަށް ކައުންސިލްގެ އިދާރާއިން ދޭންޖެހޭ ބައެއް މަޢުލޫމާތު ނުދިނުމުން ނުނިމޭ މަސައްކަތާއި، ކައުންސިލްގެ އިދާރާއިން ކުރަންޖެހޭ ކަންކަން ނުކޮށްގެން ނުނިމުނު މަސައްކަތް ފިޔަވައި) ނިންމައި 2025 ވަނަ އަހަރުގެ މާރިޗު 24 ވަނަ ދުވަހު، މަސައްކަތް ނިންމައި، ނިންމިކަން ބަޔާންކޮށް އިންސްޕެކްޓް ކޮށްދެއްވުމަށް އެދި ވާނީ ކައުންސިލް އިދާރާއަށް ވާނީ ދަންނަވާފައި” ހަޒް އިންވެސްޓްމަންޓުން ހުށަހެޅި މައްސަލާގައިވެއެވެ.

އިހަވަންދޫ ޕްރީސްކޫލް އިމާރާތުގެ ނުނިމިހުރި މަސައްކަތް ހަޒް އިންވެސްޓްމެންޓާއި ހަވާލުކޮށްފައިވަނީ، 28 ޖުލައި 2024 ގައި އިހަވަންދޫ ރައްވެހިގޭގެ ހޯލްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ޕްރީސްކޫލް އިމާރާތުގެ ނުނިމިހުރި މަސައްކަތް ހަޒްއިންވެސްޓްމެންޓާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ހަޒްއިންވެސްޓްމެންޓްގެ ފަރާތުން، ހަޒްއިންވެސްޓްމެންޓްގެ ވެރިޔާ އަހްމަދު ހަމްދޫން ސޮއެކުރެއްވިއިރު އިހަވަންދޫ ކައުންސިލް އިދާރާގެ ފަރާތުން ސޮއެކުރެއްވީ، ކައުންސިލްގެ ރައީސް އަހްމަދު ސޮބާހްއެވެ. ޕްރީސްކޫލް އިމާރާތުގެ ނުނިމިހުރި މަސައްކަތް ހަޒްއިންވެސްޓްމެންޓާއި ހަވާލުކޮށްފައިވަނީ، ދެ މިލިއަން ފަސްލައްކަ އައްޑިހަ ތިންހާސް ނުވަސަތޭކަ ފަސްދޮޅަސް ރުފިޔާ އެއްލާރިއަށް 150 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

އިހަވަންދޫ ޕްރީސްކޫލް އިމާރާތުގެ ބިންގާ އަޅާފައިވަނީ 2012 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހުއެވެ. އިހަވަންދޫ ޕްރީސްކޫލް މިހާރުހުރީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އައުޓްރީޗް ކެމްޕަސްއެއް ހިންގުމަށް 35 އަހަރުގެ މުއްދަތަށް އެޔުނިވާސިޓީއަށް ދީފައެވެ.