ހުރަވީ ދަނޑުގައި ލައިޓް ޖެހުމުގެ މަސައްކަތް ފަށައިފި..

މުޙައްމަދު އަކުރަމް

މިސަރުކާރުން ޒަމާނީ ފެންވަރަކަށް ތަރައްޤީ ކުރަމުންދާ އިހަވަންދޫ ހުރަވީ ދަނޑުގައި ލައިޓް ޖެހުމުގެ މަސައްކަތް ފަށައިފިއެވެ.

ސަރުކާރުން ބިޑަކާއި ނުލާ ހަވާލުކުރި މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ މިމަސައްކަތް ފަށާފައިވަނީ މިއަދުއެވެ. ބިޑަކާއި ނުލާ މިމަސައްކަތް ހަވާލުކޮށްފައިވަނީ ޓީ.އޭ ކޮންސްޓްރަކްޝަން އެންޑް ޓެރޭޑިންގ އާއެވެ. އެކުންފުންޏާ މިމަސައްކަތް ހަވާލުކޮށްފައިވަނީ 2.4 މިލިއަން ރުފިޔާގެ އަގަކަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުންފުނިން މިމަސައްކަތް ފަށާފައިވަނީ ލޯކަލް ސަބް ކޮންޓްރަކްޓަރަކާއި ހަވާލު ކޮށްގެންނެވެ. ޓީ.އޭ ކޮންސްޓްރަކްޝަން އެންޑް ޓެރޭޑިންގ  އަކީ 2007 ވަނަ އަހަރު އުފައްދާފައިވާ، މުހައްމަދު ތައުފީޤުގެ ކުންފުންޏެކެވެ. އެކުންފުންޏަކީ މިދާއިރާގައި މަސައްކަތް ކުރަމުން އަންނަ ކުންފުންޏެއްކަން ފާހަގަކުރެވެއެވެ.

ހުރަވީ ދަނޑުގައި ލައިޓް ޖެހުމުގެ މަސައްކަތް ފެށިނަމަވެސް، އެ ދަނޑުގެ ސަބްބޭސް ހެދުމާއި ޓާފް އެޅުމުގެ މަސައްކަތް އަދިވެސް ނުނިމެއެވެ. ހުރަވީ ދަނޑުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ. މަސައްކަތް ފެށުމަށްފަހު ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށް ގެންގޮސް، މިދިޔަ އަހަރުގެ މެއި މަހުގެ ނިޔަލަށް ދަނޑުގެ ސަބްބޭސްގެ މަސައްކަތް ވަނީ އެއްކޮށް ނިންމާފައެވެ. ނަމަވެސް، ޓާފް އެޅުމުގެ މަސައްކަތް ލަސްވުމުގެ ސަބަބުން މިހާރު ދަނޑުގައި އެކުންފުނިން ކުރަމުންދަނީ ސަބްބޭސްގައި ފަޅާފައިވާ ވިނަތައް ނޮޅައި ސާފުކުރުމުގެ މަސައްކަތެވެ. އެމަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 4,832,827 މިލިއަން ރުފިޔާގެ އަގަކަށެވެ. އެހެންކަމުން ހުރަވީ ދަނޑު ތަރައްޤީ ކުރުމަށް ހިންގާ މަޝްރޫއުގެ އަގު މިހާރުއެވަނީ 7.23 މިލިއަން ރުފިޔާއަށް އަރާފައެވެ.