ހއ. މާރަންދޫ، އުތީމު އަދި ވަށަފަރު ހެލްތް ސެންޓަރުގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފި!

އަޔާން

ހއ. އަތޮޅުގެ ތިން ރަށް ކަމަށްވާ މާރަންދޫ، އުތީމު އަދި ވަށަފަރު ހެލްތް ސެންޓަރުގައި ލެބޯޓަރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މި ތިން ރަށުގައިވެސް މި ޚިދުމަތް ފައްޓަވައިދެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމެވެ.

މި ތިން ރަށުގެ ލެބޯޓަރީގެ ޚިދުމަތް ފަށާފައިވަނީ ސަރުކާރުން ލެބޯޓަރީ ނެތް ރަށްރަށުގައި އެ ޚިދުމަތް ޤާއިމުކުރުމަށް ފަށާފައިވާ މަޝްރޫޢުގެ ދަށުންނެވެ. މި ޚިދުމަތް ފެށުމަށްޓަކައި މިއަދު އެ ތިން ރަށުގައިވެސް ވަނީ ޚާއްޞަ ރަސްމިއްޔާތުތަކެއް ބާއްވާފައެވެ. މި ރަސްމިއްޔާތުތަކުގައި ސިއްޙީ ވަޒީރުގެ އިތުރުން، ސިއްޙީ ވުޒާރާގެ އިސްވެރިންނާއި، އެ ރަށްރަށުގެ ކައުންސިލްތަކުގެ އިސްވެރިންނާއި ސިއްޙީ މަރުކަޒުތަކުގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ ކުރިން މި ރަށްރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ތަކުލީފަކީ އަމިއްލަ ރަށުގައި ތިބެގެން ބަލީގެ ތަހުލީލުތައް ކުރެވޭނެ އިންތިޒާމެއް ނެތުމެވެ. މީގެ ކުރިން ޓެސްޓުތައް ހެދުމަށްޓަކައި ސާމްޕަލް ނެގުމަށްފަހު ފޮނުވަން ޖެހެނީ ހއ. ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށެވެ. ނަމަވެސް މިއަދު މި ހުޅުވުނު ލެބޯޓަރީތަކާއެކު، ރަށުން ބޭރަށް ނުގޮސް އަމިއްލަ ރަށުގައި ތިބެގެން ލެބޯޓަރީގެ ޚިދުމަތް ހޯދުމުގެ ފުރުޞަތު މިވަނީ ކަށަވަރުވެފައެވެ.

ސިއްޙީ ވުޒާރާއިން މަޢުލޫމާތު ދެއްވާގޮތުގައި، މިއަހަރުގެ ތެރޭގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުކުރެވިފައި ނެތް 76 ރަށެއްގައި އެ ޚިދުމަތް ފެށުމަށް ސަރުކާރުން އަންނަނީ ބާރުސްޕީޑެއްގައި މަސައްކަތް ކުރަމުންނެވެ.