ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް، ފެނަކަ ކޯޕަރޭޝަންގެ އިހަވަންދޫ ބްރާންޗަށް މިއަދު އެކަނިވެސް އަލަށް 14 މުވައްޒަފުން ނެރުމަށް ހަމަޖެހިއްޖެއެވެ.
މިކަން ހިނގަމުންދާ ގޮތުގެ މަޢުލޫމާތު ހުރި ބައެއް ފަރާތްތަކުން މި ނޫހަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި، އަލަށް ވަޒީފާއަށް ނެރޭ މީހުންގެ ތެރޭގައި އަންހެނުންނާއި ފިރިހެނުން ހިމެނެއެވެ. މީގެ އިތުރުން، ރަށުގައި ހުރި އެހެން ސަރުކާރު ކުންފުނިތަކުގެ ވަޒީފާތަކުގައި ތިބި ބައެއް މީހުންވެސް އޭގެތެރޭގައި ހިމެނެއެވެ.
މަޢުލޫމާތު ދިން ފަރާތުން ބުނި ގޮތުގައި، މިއީ އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ސިޔާސީ ބޭނުމަކަށް ކުރަމުންދާ ކަމެކެވެ. އަދި ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައިވެސް މުވައްޒަފުން އެ ކުންފުންޏަށް އިތުރުކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.
މި އިންތިޚާބުގައި ޕީއެންސީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕޭން ޓީމުތަކާއި، އެއްޓީމެއްގެ ގޮތުގައި އަމިއްލަ ގޮތުން ވާދަކުރާ ޓީމްގެ އެކްޓިވިސްޓުން ދަނީ ވަޒީފާ ބޭނުންވާ ފަރާތްތަކާ ގުޅައި، ސަރުކާރު ކުންފުނިތަކުން ވަޒީފާ ހަމަޖައްސައިދިނުމުގެ މުޢާމަލާތްތައް ކުރަމުންނެވެ.
މިއީ ރާއްޖޭގެ އިޤްތިޞާދީ ހާލަތު ނާޒުކު ފައްތަރެއްގައި އޮތް ވަގުތެއްގައި ހިނގަމުންދާ ކަމަކަށްވާތީ ގިނަ ބައެއްގެ ކަންބޮޑުވުން ވަނީ އަމާޒުވެފައެވެ. ވަކިން ހާއްސަކޮށް، މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން އިޒްރޭލާއި އެމެރިކާ އިސްވެ އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަޙު ގޯސްވެ، ދުނިޔޭގެ ބޮޑެތި އިޤްތިޞާދުތަކުން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަމުންދާ ދަނޑިވަޅެއްގައި، ދިވެހި ސަރުކާރުން މިގޮތަށް ވަޒީފާތައް އިތުރުކުރަމުންދާތީ އާންމުންގެ ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ.
އިޤްތިޞާދީ މާހިރުން ފާހަގަކުރާ ގޮތުގައި، ބޭރުގެ ހަނގުރާމަތަކުގެ ސަބަބުން ރާއްޖެ ފަދަ އިމްޕޯޓަށް ބަރޯސާވާ ޤައުމަކަށް މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާއިރު، ސިޔާސީ ބޭނުންތަކަށް ކުންފުނިތަކުގެ ހަރަދު ބޮޑުކުރުމަކީ އިޤްތިޞާދަށް އޮތް އިތުރު ނުރައްކަލެކެވެ.