ބީއެމްއެލް ޑޮލަރު އޭޓީއެމްގެ ޚިދުމަތް އިހަވަންދޫގައި ދޭން ފަށައިފި...

މުޙައްމަދު އަކުރަމް

ހއ. އިހަވަންދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަލަށް ބެހެއްޓި ޑޮލަރު އޭޓީއެމް މެދުވެރިކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.

މި ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރޭ މާލޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލް އިން އަލަށް ޚިދުމަތް ދޭން ފެށި 70 ޑޮލަރު އޭޓީއެމާއި 20 ރުފިޔާ އޭޓީއެމްގެ ޚިދުމަތް ވަނީ ރަސްމީކޮށް އިފްތިތާހުކޮށްފައެވެ.

މި ރަސްމިއްޔާތުގައި ބޭންކުގެ ޗެއާޕާސަން އަޙްމަދު ޢަލީ ޙަބީބާއި، ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރުގެ އިތުރުން ބޭންކުގެ އިސް އޮފިޝަލުންނާއި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ބީއެމްއެލް އިން ރާއްޖޭގެ 70 ރަށެއްގައި އަލަށް ޑޮލަރު އޭޓީއެމް ބެހެއްޓިއިރު، ހއ. އަތޮޅުގެ 5 ރަށެއް އޭގެ ތެރޭގައި ހިމެނެއެވެ. އޭގެ ތެރެއިން އެއް ރަށަކީ އިހަވަންދޫއެވެ. އިހަވަންދޫގައި ބޭންކް އޮފް މޯލްޑިވްސްގެ ޚިދުމަތް އެންމެ ފުރަތަމަ ފަށާފައިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައެވެ.

މި އާ އޭޓީއެމްތަކާއެކު އިހަވަންދޫގެ ރައްޔިތުންނަށާއި އެ ސަރަހައްދުގެ ވިޔަފާރިވެރިންނަށް ޑޮލަރު ނެގުމާއި ޖަމާކުރުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. މިއީ ބޭންކިންގ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކޮށް، ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރާއި ބީއެމްއެލް ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ނިންމި މުހިންމު މަސައްކަތެކެވެ.