އިހަވަންދޫ ޕީއެންސީ ޖަގަހައިގެ ހަރަކާތަކަށް ފެނަކައިން މުވައްޒަފުންނަށް ދައުވަތު ދެނީ!

މުޙައްމަދު އަކުރަމް

ހއ. އިހަވަންދޫގައި ހުންނަ ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ މައި ޖަގަހަ ކަމަށްވާ “ބޮޑުތަކުރުފާނު މާލަމު” ގައި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ސިޔާސީ ހަރަކާތަކަށް، ފެނަކަ ކޯޕަރޭޝަންގެ އިހަވަންދޫ ބްރާންޗުގެ މުވައްޒަފުންނަށް އެ ކުންފުނިން ދައުވަތު ދެމުންދާކަން ހާމަވެއްޖެއެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ފެނަކަ އިހަވަންދޫ ބްރާންޗުގެ ބައެއް މުވައްޒަފުންނަށް އެ ކުންފުނީގެ ރަސްމީ ނަންބަރެއް ކަމަށްވާ 3035653 އިން ގުޅައި، މިރޭ 8:45 ގައި ބޮޑުތަކުރުފާނު މާލަމުގައި އޮންނަ ހަރަކާތަށް ހާޒިރުވުމަށް ދަނީ އަންގަމުންނެވެ. މިގޮތަށް ގުޅާ ފަރާތްތަކުން ބުނަމުންދަނީ މިއީ ޕީއެންސީ އޮފީހުގެ ފަރާތުން އަންގައިގެން ކުރާ ކަމެއް ކަމަށެވެ. މި ނޫހުގެ ކޮރެސްޕޮންޑެންޓަށް ވަނީ މިފަދަ ފޯނު ކޯލެއް އަޑުއެހުމުގެ ފުރުސަތުވެސް ލިބިފައެވެ.

ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ދަނީ،  “ހުއްޓުމެއްނެތި ކުރިޔަށް” ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން މިރޭ ޖަލްސާ ބޮޑުތަކުރުފާނު މާލަމުގައިއަޅުވާގޮއްހަމަ ހަމަޖެހިފާއިވާކަމަށް ބުނާ ޕޯސްޓަރުތަކެއް ޝެއަރކުރަމުންނެވެ. ބެލެވޭ ގޮތުގައި ފެނަކައިން އެ ކުންފުނީގެ މުވައްޒަފުންނަށް ދައުވަތު ދެމުންދަނީ މި ޕޯސްޓަރުތަކުގައި ބުނާ ސިޔާސީ އެއްވުމަށެވެ.

ސަރުކާރުގެ ކުންފުންޏަކުން ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކަށް މުވައްޒަފުންނަށް ގުޅައި ދައުވަތު ދިނުމަކީ ކުންފުނީގެ ވަސީލަތްތައް ސިޔާސީ ބޭނުންތަކަށް ބޭނުންކުރުން ކަމަށް ބުނެ، ބައެއް ފަރާތްތަކުން ދަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަތޮޅުތެރޭގެ ރަށްރަށުގައި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން ސިޔާސީ ހަރަކާތްތަކަށް ނެރުމަކީ އާންމުކޮށް ހިނގާ ކަމެއް ނަމަވެސް، ކުންފުނީގެ ރަސްމީ ނަންބަރުތަކުން މިފަދަ ކަންކަމަށް ގުޅުމަކީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވާ ކަމެކެވެ.