ބީއެމްއެލްގެ ހުރިހާ ކަސްޓަމަރުންގެ މެދުގައި ކާޑު މުއާމަލާތްތަކަށް 'ޑެއިލީ ލިމިޓެއް' ކަނޑައަޅައިފި!

އާދަމް ވިޝާލް

ރާއްޖެއަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ މިދަނޑިވަޅުގައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެ ބޭންކުގެ ހުރިހާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ދުވަހަކު ބޭރު ފައިސާއިން މުއާމަލާތު ކުރެވޭނެ ޖުމްލަ ލިމިޓެއް ކަނޑައަޅައިފިއެވެ.

މި އާ ބަދަލާ ގުޅޭގޮތުން ބޭންކުން ރަސްމީކޮށް މިހާތަނަށް އެއްވެސް މައުލޫމާތެއް އާންމުކޮށްފައި ނުވި ނަމަވެސް، ބޭންކުގެ ކަސްޓަމަރ ސާވިސްއިން ވަނީ މިފަދަ ލިމިޓެއް މިހާރު އޮތްކަން ކަސްޓަމަރުންނަށް ޔަޤީންކޮށްދީފައެވެ. މި ބަދަލާއެކު، ބޭންކުގެ ގިނަ ކަސްޓަމަރުން އަންނަނީ ސޯޝަލް މީޑިއާގައި ކާޑު ޓްރާންސެކްޝަންތައް ފެއިލްވަމުންދާތީ އެކަމުގެ ޝަކުވާ ވަރަށް ބޮޑަށް ކުރަމުންނެވެ.

މި ލިމިޓަކީ ވަކިވަކި ކަސްޓަމަރުންނަށް ކަނޑައަޅާފައިވާ ލިމިޓެއްގެ ބަދަލުގައި، ހުރިހާ ކަސްޓަމަރުންގެ މެދުގައި އެކުލަވާލާފައިވާ ‘ޕޫލް’ ލިމިޓެކެވެ. އެހެންކަމުން، ބޭންކުން ކަނޑައަޅާފައިވާ ދުވަހުގެ ޖުމްލަ ލިމިޓް ހަމަވުމުން، އެ ދުވަހަކު ދެން އެއްވެސް ކަސްޓަމަރަކަށް ބޭރު ފައިސާގެ މުއާމަލާތެއް ނުކުރެވޭނެއެވެ. ކޮންމެ ދުވަހަކަށް ކަނޑައަޅާފައިވަނީ ކިހާ ވަރެއްގެ ލިމިޓެއްކަމެއް އަދި އެ ލިމިޓް އައުވަނީ ކޮން ވަގުތެއްގައި ކަމެއްވެސް ބީއެމްއެލްއިން ހާމަކޮށްފައެއް ނުވެއެވެ. މިކަމުގެ ސަބަބުން ކޮންމެ ދުވަހަކުވެސް ލިމިޓް އައުވާ ވަގުތަށް ގިނަ ކަސްޓަމަރުން އިންތިޒާރު ކުރަންޖެހޭނެ ކަމަށް ބެލެވެއެވެ.

މިއީ އެހެން ކަސްޓަމަރުންގެ ސްޕެންޑިންގ ބިހޭވިޔާގެ ސަބަބުން ކަސްޓަމަރުންނަށް އަސަރުކުރާނެ ގޮތަށް ރާއްޖޭގެ ބޭންކަކުން މިފަދަ ލިމިޓެއް އެކުލަވައިލި ފުރަތަމަ ފަހަރުކަމަށް ބެލެވެއެވެ. ބީއެމްއެލްއިން މިކަމާއި ގުޅޭ މައުލޫމާތު އާމުނުކުރާތީ ރައްޔިތުންގެ މެދުގައިދަނީ މިކަމާ ގުޅޭގޮތުން ތަފާތު ވާހަކަތައް ދެކެވެމުންނެވެ.

މީގެ އިތުރުން، ބީއެމްއެލް އިން ވަނީ މި މަހުގެ ދެވަނަ ދުވަހުން ފެށިގެން ބޭރުގެ އީ-ކޮމާސް ސައިޓުތަކުން ވިޔަފާރިކުރާ މިންވަރުވެސް އިތުރަށް ހަނިކޮށްފައެވެ. އެގޮތުން، ކޮންމެ ކަސްޓަމަރަކަށް މަހެއްގެ މައްޗަށް އީ-ކޮމާސް ސައިޓުތަކުގައި ކުރެވޭނެ މުއާމަލާތުގެ އަދަދަކީ 30 ކަމަށް މިހާރު ވަނީ ކަނޑައަޅާފައެވެ. އަދި ރާއްޖޭން ބޭރުގައި ޕީއޯއެސް (POS) އަދި އޭޓީއެމް (ATM) ތަކުގައި ބޭނުންކުރެވޭ “ފޮރިން ސްޕެންޑް ލިމިޓް” ވެސް މިހާރު އެކްޓިވް ވާނީ ހަމައެކަނި ކަސްޓަމަރު ރާއްޖޭން ބޭރުގައި ހުންނަ ވަގުތުތަކުގައެވެ.

ބޭންކުން މިފަދަ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށާފައި މިވަނީ، ރާއްޖެއަށް ބޭރު ފައިސާ ވަންނަ މިންވަރު މަދުވެ، ބޭންކަށް ލިބޭ ޑޮލަރުގެ ނިސްބަތަށްވުރެ ބޭރުވާ ނިސްބަތް އިތުރުވަމުންދާތީ ކަމަށް މާލީ މާހިރުން ފާހަގަކުރައްވައެވެ.