ޤައުމީ ކުތުބުޚާނާގެ ގޮފިތައް އިހަވަންދޫ ހިމެނޭހެން 6 ރަށެއްގައި ޤާއިމްކުރަނީ

މުޙައްމަދު އަކުރަމް

ސަރުކާރުން އަތޮޅުތަކުގައި ޤައުމީ ކުތުބުޚާނާގެ ގޮފިތައް ބިނާކުރުމަށް ފައްޓަވާފައިވާ މަޝްރޫޢުގެ ދަށުން، ރާއްޖޭގެ އިތުރު 6 ރަށެއްގައި ކުތުބުޚާނާ ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު  ހީނާ ވަލީދު އިޢުލާނު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ އަތޮޅުތަކުގައި ޒަމާނީ ވަސީލަތްތަކާއެކު ލައިބްރަރީތައް ބިނާކޮށް، އުނގެނުމާއި ދިރާސާކުރުމުގެ ފުރުޞަތު ފަހިކޮށްދީ، ޒުވާނުންގެ މެދުގައި ފޮތްކިޔުމަށް އޮންނަ ޝައުޤުވެރިކަން އިތުރުކުރުން ކަމަށެވެ.

މިހާރުވެސް ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީގައި ޤައުމީ ކުތުބުޚާނާގެ ގޮފިތައް ބިނާކުރުމުގެ ބިންގާ އެޅި، އަމަލީ މަސައްކަތް ބާރުމިނުގައި ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ސަރުކާރުގެ ދުރުރާސްތާ އަމާޒަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ނޭޝަނަލް ލައިބްރަރީގެ ޚިދުމަތް ލިބޭނެ ގޮތްޕެއް ހުރުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ހީނާ ވަލީދު ހާމަކުރެއްވި ގޮތުގައި، 2026 ވަނަ އަހަރުގެ ތެރޭގައި އެންމެ ފުރަތަމަ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ 6 ރަށަކީ:

  • ހއ. އިހަވަންދޫ

  • ހއ. ކެލާ

  • ނ. ކެނދުކުޅުދޫ

  • އދ. މަންދޫ

  • ދ. މީދޫ

  • ތ. ބުރުނި

މި ރަށްރަށުގައި ލައިބްރަރީ ޤާއިމްކުރުމަށް ހަމަޖެހިފައިވާ އިމާރާތްތައް ދެނެގަނެ، އެ ތަންތަނުގެ ފަންނީ ހާލަތު ވަޒަންކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

“2026 ވަނަ އަހަރު ޤާއިމްކުރާ ލައިބްރަރީތަކުގެ ތެރެއިން، ރަށްރަށުގައި ހުރި އިމާރާތްތައް މަރާމާތުކޮށްގެން ނުވަތަ ބަދަލުތައް ގެނެސްގެން އެންމެ އަވަހަށް ޚިދުމަތް ފެށޭނެ ކަމަށް ބެލެވޭ 6 ރަށެއް އަޅުގަނޑުމެން މިވަނީ ފާހަގަކޮށްފައި. އެ ރަށްރަށަށް ޒިޔާރަތްކޮށް، ތަނުގެ ހާލަތު ބަލައި، ކުރަންޖެހޭ ފަންނީ މަސައްކަތްތައް ކުރުމަށް މިހާރު ވަނީ ޓީމުތައް އެކުލަވާލެވިފައި،” ވަޒީރު ވިދާޅުވިއެވެ.

ކުތުބުޚާނާތައް ތަރައްޤީކުރުމުގެ އިތުރުން، ރާއްޖޭގެ މާއްދީ އަދި މަޢުނަވީ ތަރިކަ ރައްކާތެރިކޮށް، އަންނަން އޮތް ޖީލުތަކަށް އެ ތަރިކަ ފޯރުކޮށްދިނުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިގޮތުން ތަރިކަ ހިމާޔަތްކުރުމާއެކު، އޭގެ ބޭނުން ހިފައިގެން އިޤްތިޞާދީ ގޮތުން އާމްދަނީ ހޯދޭނެ ދެމެހެއްޓެނިވި ސިޔާސަތުތަކެއް ތަންފީޒުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ.