ހއ. އިހަވަންދޫގެ ކުނިގޮނޑުގެ ހާލަތު އިންތިހާއަށް ގޯސްވެ، މިއިން ދުވަހަކު ބޮއްސުންނުލާ މިންވަރަށް މައްސަލަ ބޮޑުވެއްޖެއެވެ. މިހާރު އިހަވަންދޫގެ ކުނިގޮނޑު ވަނީ ގާތްގަނޑަކަށް 1.5 ހެކްޓަރުގެ ބޮޑު ސަރަހައްދަކަށް ފެތުރި، ކޮންޓްރޯލުން ނެއްޓިފައެވެ. މިއީ މިހާރު އިހަވަންދޫއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަޔަށް ވާއިރު، ކުނިގޮނޑު ފުރި ބާރުވުމުގެ ސަބަބުން ރަށުގެ ތިމާވެއްޓަށާއި އާންމު ސިއްހަތަށް އޮތް ނުރައްކާ ވަނީ ބޮޑުވެފައެވެ.
މީގެ ކުރިން ކުނިގޮނޑުގެ މައްސަލަ މިފަދަ ގޮތަކަށް ކުރިމަތިވުމުން، އިހަވަންދޫ ކައުންސިލުން އެމްޓީސީސީގެ އެހީތެރިކަމާއެކު އެ ކުންފުނީގެ ބޮޑެތި ވެހިކަލްތައް ބޭނުންކޮށްގެން ކުނިގޮނޑު އެއްކޮށް ހަމަޔަކަށް އަޅުވާފައިވެއެވެ. ނަމަވެސް، މިހާރު އެމްޓީސީސީގެ ވެހިކަލްތައް ރަށުން ބާލާފައިވުމާއެކު، ކުނިގޮނޑު ތަރުތީބުކުރުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. ކައުންސިލާއި އާރުޑީސީގެ ވެހިކަލްތައް ބޭނުންކޮށްގެން ކުނިގޮނޑު މެނޭޖުކުރުމަށް މަސައްކަތް ކުރި ނަމަވެސް، އެ އުޅަނދުތަކަކީ މިފަދަ ބޮޑު ސަރަހައްދެއްގައި ފެތުރިފައިވާ ކުނިތައް މެނޭޖުކުރެވޭ ވަރަށްވުރެ ކުދި އުޅަނދުތަކެކެވެ.
ވެމްކޯއިން އިހަވަންދޫ ކުނިގޮނޑުގައިހުރި ކުނިތައް ބޭރުކުރުމުގެ މަސައްކަތް 14 އޭޕްރިލް 2024 ގައި ފެށި ނަމަވެސް، އެ މަސައްކަތް އަދިވެސް ނިމުމަކާ ހަމައަށް ގޮސްފައެއް ނުވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ވެމްކޯގެ 23 ވަރަކަށް މުވައްޒަފުން އިހަވަންދޫގައި ތިބި ނަމަވެސް، އިހަވަންދޫގެ ކުނީގެ މައްސަލަ ހައްލުކުރުމަށް އެ ކުންފުނިން އަމަލީ ގޮތުން މަސައްކަތެއް ކުރާތަނެއް ނުފެނެއެވެ. އަދި ކުނި ނެގުމުގެ ހިދުމަތްވެސް އަދިިވެސް ނުފަށާތީ، އާންމުންގެ ޝަކުވާ ވަނީ އިންތިހާއަށް ބޮޑުވެފައެވެ. މިއީ މުޅި ރަށުގެ އިޖުތިމާއީ އަދި ސިއްހީ ރައްކާތެރިކަމާ ގުޅިފައިވާ މައްސަލައަކަށް ވުމުން، މިކަމަށް އަވަސް ހައްލެއް ބޭނުންވެފައިވާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.