ފިއުލް ސަޕްލައިޒް މޯލްޑިވްސް (އެފްއެސްއެމް) އިން ކަނޑު އުޅަނދުތަކަށް ވިއްކާ ތެލުގެ އަގަށް އިއްޔެއިން ފެށިގެން ބޮޑެތި ބަދަލުތަކެއް ގެނެސް، ތެޔޮ ވިއްކާ އަގު ހެޔޮކޮށްފިއެވެ. މި ބަދަލާއެކު ހއ. އިހަވަންދޫގައި ހުންނަ އެފްއެސްއެމްގެ ފިއުލް ޝެޑުން އާންމު ކަނޑު އުޅަނދުތަކަށް ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ. މިއީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކަށާއި އުޅަނދުތަކުގެ ވެރިންނަށް ލިބިގެންދިޔަ ބޮޑު ލުޔެކެވެ.
އަގަށް އައި ބަދަލުތަކަށް ބަލާއިރު، ކުރިން 33.50 ރުފިޔާއަށް ވިއްކަމުންދިޔަ ޑީސަލް ލީޓަރަކުން 4.16 ރުފިޔާ ވަނީ ހެޔޮކޮށްފައެވެ. އެހެންކަމުން މިހާރު ޑީސަލް ލީޓަރެއް ލިބޭނީ 29.34 ރުފިޔާއަށެވެ. މީގެ އިތުރުން، ޕެޓްރޯލް ލީޓަރަކުން 1.28 ރުފިޔާ ކުޑަކޮށްފައިވާއިރު، ކުރިން 27.29 ރުފިޔާއަށް ލިބުނު ޕެޓްރޯލް ލީޓަރެއް މިހާރު ވިއްކަމުންދަނީ 26.01 ރުފިޔާއަށެވެ.
މަސްވެރިންނަށް ހާއްސަ އިނާޔަތްތަކެއްވެސް މި ބަދަލުގެ ދަށުން ވަނީ ކަނޑައަޅާފައެވެ. އެގޮތުން މަސްވެރިކަމުގެ ލައިސަންސް އޮންނަ އުޅަނދުތަކަށް ޑީސަލް ލީޓަރެއް 27.17 ރުފިޔާއަށް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އަދި މަސްވެރިންގެ ސަބްސިޑީ ރޭޓް 25.86 ރުފިޔާއަށް ވަނީ ކަނޑައަޅާފައެވެ.
ފާހަގަކޮށްލަންޖެހޭ ކަމަކީ، ކަނޑު އުޅަނދުތަކަށް ވިއްކާ ތެލުގެ އަގަށް މި ބަދަލުތައް ގެނައި ނަމަވެސް، އެއްގަމު އުޅަނދުތަކަށް ޑިސްޕެންސަރުން ތެޔޮ ވިއްކާ އަގަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާކަމެވެ. އެހެންކަމުން ސައިކަލާއި ކާރު ފަދަ އުޅަނދުތަކަށް ތެޔޮ ލިބޭނީ ކުރީގެވެސް އަގުތަކުގައެވެ.