އިހަވަންދޫ މަދަރުސާއިން އަފީފުއްދީން ސުކޫލަށް ޑެސްކުތަކެއް ގެންގޮއްސި

އިބްރާހިމް ނަޝީދު

ދިރާސީ އައު އަހަރުގެ ކިޔެވުން މިމަހު 14 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު ހދ. ކުޅުދުއްފުށި އަފީފުއްދީން ސުކޫލަށް ދިމާވެފައިވާ ފަރުނީޗަރ ގެ ދަތިކަން ޙައްލުކުރުމުގެ ގޮތުން އިހަވަންދޫ މަދަރުސާގެ 60 ޑެސްކް އެސުކޫލަށް މިއަދު ގެންގޮއްސި އެވެ.

މިކަމާ ބެހޭ ގޮތުން އިހަވަންދޫޑޮޓްކޮމް އަށް މައުލޫމާތު ދެއްވަމުން އަފީފުއްދީން ސުކޫލުގެ ޕްރިންސިޕަލް އަލްފާޟިލް އާދަމް މޫސާ ވިދާޅުވީ ފަރުނީޗަރގެ ދަތިކަން ކުރިމަތިވީ މިދިޔަ އަހަރު އެސުކޫލުގައި ކިޔެވި ދަރިވަރުން ސުކޫލުން ވަކިނުވެ އަލަށް ސުކޫލާ ދަރިވަރުންތަކެއް ގުޅުމުން ކަމަށެވެ.

2012 ވަނަ އަހަރު 416 ދަރިވަރުންނާއެކު އަފީފުއްދީން ސުކޫލުގައި ގްރޭޑް 9 އާ ހަމައަށް ކިޔަވައިދިން އިރު މިއަހަރު އެސުކޫލުގައިވަނީ ގްރޭޑް 10 އުފެދި އަލަށް ސުކޫލަށް ވަތް ދަރިވަރުންނާއެކު، ދަރިވަރުންގެ ޢަދަދު 495 ށް މައްޗަށް ޖެހިލާފަ އެވެ.

އިތުރަށް މައުލޫމާތު ދެއްވަމުން އާދަމް މޫސާ ވިދާޅުވީ މިދިޔަ އަހަރުގެ މެދަކާ ހިސާބުން ފެށިގެން މިކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށާއި މިކަމާ ގުޅިގެން ސުކޫލުން ކުރަންޖެހޭ ހުރިހައި ކަމެއް ކޮށްފައިވާނެ ކަމަށެވެ. އަދި މިހާރު އެސުކޫލުގައި އަލަށް އިމާރާތްކުރެވެމުންދާ 12 ކުލާސްރޫމުގެ ޢިމާރާތުގެ ތެރެއިން 6 ކުލާސްރޫމް ނިމިފައިވާ ކަމަށާއި އެކުލާސްރޫމް ތަކަށް ބޭނުންވާ ފަރުނީޗަރ އެހެން ރަށަކުން ހޯދީ އިޑިއުކޭޝަން މިނިސްޓްރީގެ ލަފާގެ މަތިން ކަމަށްވެސް އާދަމް މޫސާ ވިދާޅު ވިއެވެ.

ބަދަލުގައި ޑެސްކް ދޭގޮތަށް އިހަވަންދޫ މަދަރުސާއިން 60 ޑެސްކު އަފީދުއްދީން ސުކޫލަށް މިއަދު ގެންގޮއްސައި ވާއިރު މިއަދު މާލެއިން ކުޅުދުއްފުއްޓަށް ފުރާ “ބަހާދަރު” ބޯޓަށް މިނިސްޓްރީން 45 ޑެސްކް އަރުވާފައި ވާކަމަށާއި ސުކޫލު ހޯލުގައި ހުރި ގޮނޑިތައް ބޭނުން ކޮށްގެން އިތުރު ތަނަކުން ގޮނޑި ނުހޯދައި މިމަހުގެ 14 ވަނަ ދުވަހު އެސުކޫލުގައި ކިޔެވުން ފެށޭނެ ކަމަށް ޕްރިންސިޕަލް އާދަމް މޫސާ ވިދާޅުވި އެވެ.