ހިމާޔަތް ނުދެވުނު ނަމަ ނަޝީދު އަވަހާރަވީސް: މިނިސްޓަރ ނާޒިމް

މުޙައްމަދު އަކުރަމް

މިދިޔަ އަހަރު ފެބުރުއަރީ 7 ގައި ސިފައިންގެ އަށް ވަޑައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހިމާޔަތް ދީގެން ރައީސް އޮފީހަށް ނުގެންދިޔަ ނަމަ މިއަދު ރައީސް ނަޝީދު ދުނިޔޭގައި ނުހުންނެވީސް ކަމަށް ޑިފެންސް މިނިސްޓަރ ނާޒިމް ވިދާޅުވެއްޖެ އެވެ.

ނާޒިމް މިހެން ވިދާޅުވީ މިދިޔަ ހުކުރު ދުވަހު ދިއެފްއެމްއިން ގެނެސްދިން ވަންޓްވަން ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ. “ހަޤީގަތުގަ އަޅުގަނޑު ދަންނަވާނީ ރައްޔިތުންގެ އެރުޅިވެރިކަން އޮތް މިންވަރަކީ، އެ ދުވަހު ރައީސް ނަޝީދު އަޅުގަނޑުމެންގެ ހިމާޔަތުގަ ބޭރަށް ނެރެގެން ރައީސް އޮފީހާ ހަމައަށް ނުގެންދިޔަނަމަ މިއަދު ރައީސުލްޖުމްހޫރިއްޔާ ދުނިޔެއަކު ނުހުންނާނެ، މުހައްމަދު އަމީން އަޅުގަނޑަށް ސިފަވެގެންދަނީ، ހަމައެގޮތަށް ރައްޔިތުން ހަވަރަށް ދޭނެ، އެފެންވަރުގަ ހުންނެވި ބޭފުޅެއް އެބޭފުޅަކީ، ރައްޔިތުންގެ ރުޅިވެރިކަން އިންތިހާ ދަރަޖައަށް (އޮތް) އެ ދުވަހު، އެދުވަހުގެ ވީޑިއޯ ކްލިޕްތައް ބައްލަވާލެއްވީމަ އެނގޭނެ އަޅުގަނޑުމެން ސަލާމަތާއި ރައްކާތެރިކަމާ އެކުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ނުގެންދިޔަނަމަ މިއަދު ދުނިޔެގަ މަގުމައްޗަށް ނިކުމެ ރައްޔިތުންނަށް ގޯނާ ކުރާކަށް ނުހުންނާނެ” ނާޒިމް ވިދާޅުވިއެވެ.

ނާޒިމް މިހެން ވިދާޅުވިއިރު، ރައީސް ނަޝީދުގެ ހަށިފުޅަށް ގެއްލުމެއް ލިބިދާނެ ހާލަތެއް އެދުވަހު ނެތް ކަމަށާއި، އެ ދުވަހު އެމަނިކުފާނު އިސްތިއުފާ ދިނީ މަޖުބޫރު ކަމެއް ނެތި އަމިއްލަފުޅަށް ކަމަށް ސަރުކާރުގައި ބައިވެރިވާ ޕާރޓީތަކުގެ އިސްވެރިން ވިދާޅުވެފައިވެ އެވެ. އަދި އެދުވަހު ރައީސް ނަޝީދު އިސްތިޢުފާ ދިނީ އިލާހީ ގުދުރައްތެރި ކަމެއްގެ ތެރެއިން ކަމަށް ވެސް ބައެއް ޕާރޓީތަކުގެ ވެރިން ވިދާޅުވެފައިވެ އެވެ.

ވަންޓްވަން ޕްރޮގްރާމުގައި އިތުރަށް ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ މިދިޔަ އަހަރުގެ ފެބްރުއަރީ 8 ވަނަ ދުވަހަކީ ފުލުހުން އާންމުންނާ ދެކޮޅަށް ލާއިންސާނީ ބޮޑެތި އަނިޔާތަކެއް ހިންގި ދުވަހެއް ނޫން ކަމަށެވެ. ފެބްރުއަރީ 8 ވަނަ ދުވަހާ ގުޅޭގޮތުން ވާހަކަދައްކަމަވަމުން ނާޒިމް އިތުރަށް ވިދާޅުވީ ފެބްރުއަރީ 8 އެއީ ކަމުގެ ހަގީގަތް ބައެއްގެ ހަނދާނުން ފޮހެވިފައިވާ ވަރަށް ނުރައްކާތެރި ދުވަހެއް ކަމަށާއި، އެ ދުވަހުގެ ހަގީގަތަކީ އެމްޑީޕީގައި އޭރު އިސްކޮށް ތިބި މީހުން އަޑީގައި ތިބެގެން އައްޑު އާއި އެހެން ބައެއް ރަށްރަށަށް ވަރަށް ބޮޑު ގެއްލުމެއް ދިން ދުވަހެއް ކަމަށެވެ. އަދި އެއީ އެމްޑީޕީގެ އިސް މީހުންގެ އިރުޝާދަށް ބަޔަކު ނުކުމެ އައްޑު އަތޮޅާއި އެހެން ބައެއް ރަށްރަށުގެ މުޅި ތާރީޚް އަންދައިލި ދުވަހެއް ކަމަށް ވެސް ނާޒިމް ތުހުމަތު ކުރެއްވި އެވެ.

ފެބްރުއަރީ 8 ގައި ފުލުހުން ލާއިންސާނީ އަނިޔާއެއް ހިންގާފައި ނުވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވި ނަމަވެސް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން މަޖިލީހުގެ ކޮމިޓީގައި ބުނެފައި ވަނީ އެ ދުވަހު ފުލުހުން ހިންގީ “މާރާމާރީ” ކަމަށެވެ.

ފެބްރުއަރީ 6، 7 އަދި 8 ގައި ސިފައިންނާއި ފުލުހުންގެ ފަރާތުން ހިންހަމަނުޖެހޭ ކަންތައްތަކެއް ފެނުނު ކަމަށާއި، އެހެން ނަމަވެސް ނާޒިމްގެ މިނިސްޓަރުކަމުގައި ސިފައިންނާ ގުޅޭ ތަޙްޤީޤެއް ނުކުރާނެ ކަމަށާއި، އެދުވަހު ސިފައިން ކުށެއް ކޮށްފައިވާ ކަމަށް ގަބޫލު ނުކުރާ ކަމަށް ވެސް ދިއެފްއެމްގެ ވަންޓްވަން ޕްރޮގްރާމްގައި ނާޒިމް ވިދާޅުވި އެވެ.

މިއީ ކޯނީގެ ރިކޮމެންޑޭޝަންސް ތަކަށް އަމަލުނުކުރާނެކަމަށް މިހާފާޅުގައި ސަރުކާރުގެ އިސްވެރިޔަކު ވިދާޅުވި ފުރަތަމަ ފަހަރެވެ.