ޚަބަރު

އެސްޓީއޯ މަކީޓާ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕުން އިހަވަންދޫ ސްކޫލަށް ފުރިހަމަ ކާމިޔާބީއެއް

އެސްޓީއޯ މަކީޓާ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ބައިވެރިވި އިހަވަންދޫ ސްކޫލުގެ ޓީމު ފުރިހަމަ ނަތީޖާ ތަކަކާއިއެކު އެނބުރި އިހަވަންދޫއަށް އަތުވެއްޖެއެވެ. އެތުލެޓިކްސް މުބާރާތުގައި އިހަވަންދޫ ސްކޫލުން ބައިވެރިނުވާތާ ގިނަ އަހަރު ތަކަކަށްފަހު ބައިވެރިވި މި މުބާރާތުގައި އިހަވަންދޫ ސްކޫލުން ޖުމްލަ 45 އެތުލީޓުން ބައިވެރިވިއެވެ. މި މަހުގެ 15 ން 20 އަށް ހދ. ކުޅުދުއްފުށީގައި ކުރިއަށްދިޔަ މި މުބާރާތުގައި އިހަވަންދޫ ސްކޫލުގެ ދަރިވަރުން، މިފަދަ ބޮޑު މުބާރާތެއްގައި އެއްވެސް ތަޖުރިބާއެއް ނެތި ބައިވެރިވެ ދެއްކި ހިތްވަރުން، ފުރިހަމަ ނަތީޖާއެއް ސްކޫލުގެ އެތުލީޓުން ހޯދާފައިވާކަން އެ ސްކޫލްގެ ކޮމިޔުނިޓީ ގުރޫޕުގައި ހިއްސާކުރަމުން ގެންގޮސްފައިވާ ޕޯސްޓްތަކުން އެނގެއެވެ. އެގޮތުން، އެ މުބާރާތުގައި ބައިވެރިވެފައިވާ 45 އެތުލީޓުންގެ ތެރެއިން 20 އެތުލީޓުން ސެމީ ފައިނަލްގަ ވާދަކޮށް، އެކުދިންގެ ތެރެއިން 16 ދަރިވަރަކު ފައިނަލުގައި ވާދަކޮށްފައިވެއެވެ. ފައިނަލަށް ދިޔަ ދަރިވަރުންގެ ތެރެއިން 12 ދަރިވަރުން އެކިއެކި އުމުރުފުރާތަކުން އެކިއެކި މުބާރާތްތަކުގެ އެންމެ މޮޅު 8 އެތުލީޓުންގެ ލިސްޓުގައި ހިމެނިފައިވެއެވެ. އެގޮތުން، 8 ވަނާގައި 2 ދަރިވަރުން 7 ވަނާގައި 4 ދަރިވަރުން 6 ވަނާގައި 3 ދަރިވަރުން 3 ވަނާގައި 2 ދަރިވަރުން 2 ވަނާގައި 1 ދަރިވަރަކު ހިމެނުނެވެ. މި ދަރިވަރުންގެ ތެރެއިން 2 ދަރިވަރަކު ވަނީ ބްރޯންޒް މެޑަލް ހޯދާފައެވެ. އެއީ، 15 އަހަރުން ދަށުގެ 800 މީޓަރު ދުވުމުން ބްރޯންޒް މެޑަލް ހާސިލް ކުރި އަހުމަދު އިކްރާމް މުޙައްމަދާއި ފަނަރަ އަހަރުން ދަށުގެ 400 މީޓަރު ދުވުމުން ބްރޯންޒް މެޑަލް ހާސިލް ކުރި އަހުމަދު ރާފިޢު މުޙައްމަދު އެވެ. މީގެ އިތުރުން ރާފިޢުވަނީ ފަނަރަ އަހަރުން ދަށުގެ 100 މީޓަރު ދުވުމުން ދެވަނަ ހޯދައިގެން ރިހި މެޑަލް ހާސިލް ކޮއްފައެވެ. އަދި ހަމަ އެހެންމެ، މެޑްލީ ރިލޭގައި ބައިވެރިވި އިހަވަންދޫ ސްކޫލްގެ 15 އަހަރުން ދަށުގެ ރިލޭ ޓީމު ވަނީ މުޅި މުބާރާތުން ދެވަނަ ހޯދާ ރިހިމެޑަލް ހާސިލް ކޮށްފައެވެ. މި ނަތީޖާ ތަކާއެކުގައި، އިހަވަންދޫ ސްކޫލްގެ ދަރިވަރުން، އެނބުރިއައުމުން، ސްކޫލްގެ މެނޭޖުމަންޓާއި، ސްކޫލްގެ ޕީޓީއޭއާއި، ބެލެނިވެރިން، އަދި ސްކޫލްގެ އިސްދަރިވަރުންނާއި، ރަށުގެ ބައެއް މުއައްސަސާތަކުގެ ވެރިން ވަނީ، އެ ޓީމަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
މުޙައްމަދު އަކުރަމް