ޚަބަރު ކުޅިވަރު

ސެމީގައި ސީއެޗްއެސްއީ އަތުން ބަލިވެ، އިހަވަންދޫ ސްކޫލް 3 ވަނަ ހޮވާ މެޗަށް!

ވޮލީ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވެސް (ވީއޭމް) އިން ކުރިޔަށްގެންދާ، ރާއްޖެ ޖޫނިއަރ ވޮލީބޯޅަ ޗެމްޕިއަންޝިޕް 2026 ގެ 19 އަހަރުން ދަށުގެ ފިރިހެން ޑިވިޝަނުގެ ސެމީ ފައިނަލް މެޗްގައި ސީއެޗްއެސްއީ ހުޅުމާލެ އަތުން ބަލިވެ، އިހަވަންދޫ ސްކޫލްގެ ޓީމަށް މުބާރާތުގެ ފައިނަލަށް ދަތުރުކުރުމުގެ ދޮރު ބަންދުވެއްޖެއެވެ. 

ރޭ 20:00 ގައި އެކުވެނި ޓާފް ކޯޓްގައި ކުޅުނު މިމެޗުން ސީއެޗްއެސްއީ ހުޅުމާލެ މޮޅުވީ 3-0 ސެޓް އިންނެވެ. މެޗްގެ ފުރަތަމަ ސެޓް 25-19 އިން، ދެވަނަ ސެޓް  25-20 ސީއެޗްއެސްއީ މޮޅުވިއިރު ފަހު ސެޓް ގެންދިޔައީ ވާދަވެރި ކުޅުމަކަށްފަހު  26-24 އިންނެވެ. 

19 އަހަރުން ދަށުގެ އުމުރުފުރައިގެ ފިރިހެން ޑިވިޝަންގެ 3 ވަނަ ހޮވާ މެޗްގައި މިއަދު ހަވީރު އިހަވަންދޫ ސްކޫލް ނުކުންނާނީ ކެޔޮދޫ ސުކޫލާއި ދެކޮޅަށެވެ. މިއަދު ހަވީރު 16:00 ގައި ފަށާ އެމެޗް ކުޅެނީ އެކުވެނި ޓާފް ކޯރޓް ނަންބަރު 1 ގައެވެ. 

މިމުބާރާތުގައި އިހަވަންދޫ ޓީމް ކުޅުނު 3 މެޗްގެ ތެރެއިން މޮޅުވީ އެޓީމްގެ ފުރަތަމަ މެޗްގައި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް އަތުންނެވެ. 2024 ވަނަ އަހަރުގެ އިންޓަރސްކޫލް ވޮލީ މުބާރާތުގެ 19 އަހަރުން ދަށުގެ އުމުރުފުރައިގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަކީ އިހަވަންދޫ ސްކޫލްއެވެ. 

އަޔާން