ޚަބަރު

އިހަވަންދޫގައި "ކުޑަ" އިސްލާމީ މަރުކަޒެއް އިމާރާތްކުރަން އުޅޭތީ ކަންބޮޑުވުން އުފެދިއްޖެ!

އިހަވަންދޫ ދާއިރާގެ އިއްޒަތްތްތެރި މެމްބަރު އަޙްމަދު ނަސީރު، އިހަވަންދޫގައި މިސަރުކާރުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އިސްލާމީ މަރުކަޒަށް އިޝާރާތް ކުރައްވައި "އުތުރުގެ ރައްޔިތުން ފަހުރުވެރިވާފަދަ އިސްލާމީ ބިނާއެއް ބިނާކޮށް، ޤުރުއާނުގެ އިލްމުފަތުރާ ރަށަކަށް އިހަވަންދޫ ހެދުމަށް" ގޮވާލައްވާފައިވަނިކޮށް އިހަވަންދޫގައި ހައިބަތު "ކުޑަ" އިސްލާމީ މަރުކަޒެއް އިމާރާތް ކުރުމަށް ތައްޔާރުވަމުން ދާތީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

އެގޮތުން އިހަވަންދޫ ކައުންސިލް އަދި ހއ އަތޮޅު ކައުންސިލްގެ ރައީސްކަން ކުރައްވާފައިވާ މުހައްމަދު ރަޝީދު ވިދާޅުވީ އިހަވަންދޫގައި އަޅަނީ ނަމެއްގައި އިސްލާމިކް މަރުކަޒެއްކަމުގައެވެ. "އަތޮޅުގައި 2 ވަނައަށް އެންމެ އާބާދީ ބޮޑު ރަށުގައި އަޅަން ކުރެހުން ހެދީ 400 މީހުންގެ އާބާދީއަކަށް ފެތޭގޮތަށެވެ. ކުރެހުމުގައިވާ ގޮތުން މިސްކިތަށް އެރޭނީ 420 މީހުންނަށެވެ. މިދެން އިހަވަންދޫ ރައްޔިތުންނަށް ކޮށްލި މަލާމާތެއް ތޯއެވެ. މިސްކިތެއްގެ ކުރެހުމަށް މުންނާރެއް އިތުރުކޮށް ގުއްބެއް ހިމާނާފަ ކުރެހުން ކުރެހީމާ އެއީ އިސްލާމީ މަރުކަޒެއްގެ ގޮތުގައި ދެކިގެން ގުނބޯ ހެދިފަ ތިބެންވީތޯއެވެ." މުހައްމަދު ރަޝީދު ސޯޝަލް މީޑިއާގައި ލިޔުއްވާފައިވެއެވެ.

އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ ކައުންސިލަރު މުހައްމަދު ޒާހިރު ހަސައިންވަނީ، އިހަވަންދޫ ޕީއެންސީ ސްޓެއަރިންގ ކޮމިޓީ އަދި ކޮމިޓީގެ ރައީސް އަދި ނައިބު ޓެގް ކޮށް، މުހައްމަދު ރަޝީދު ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވަނީ އަސްލު ކުރެހުމެއްތޯ ސުވާލު އުފައްދާފައެވެ. "އެބުނަނީ ތެދެއްނަމަ ދެން ކުޑަ މިސްކިތަކަށް ދޯވާނީ އެއިރު ކީ މޯޗަރީ އަދި ހިނަވާބާވެސް އިންނާނެ ވާހަކަ" މިސަރުކާރުން އިހަވަންދޫގައި އިމާރާތްކުރަން ނިންމި  އިސްލާމީ މަރުކަޒުގައި ހިމެނޭނެކަމަށް ކުރިން އިސްތިހާރު ކޮށްފައިވާ ކަންކަމަށް އިޝާރާތްކޮށް ޒާހިރު ސުވާލު އުފެއްދެވިއެވެ.

އިހަވަންދޫގައި އިމާރާތްކުރާ އިސްލާމީ މަރުކަޒުގެ ހައިބަތު ބޮޑުކޮށްދެއްވުމަށް، އިހަވަންދޫ ދާއިރާގެ އިއްޒަތްތްތެރި މެމްބަރު އަޙްމަދު ނަސީރު އެދިލެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ކުރިފުޅު މަތީގައި ހުންނަވައި، އިހަވަންދޫ ކައުންސިލުން ބޭއްވި ރަސްތަރި ޤުރްއާން މުބާރާތް 2025، ގެ ނަތީޖާ ފާޅުކުރުމަށް އިހަވަންދޫ ބަނދަރުމަތީ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ
. އެރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ އިސްލާމީ މަރުކަޒުގެ މަސައްކަތުގެ ޓެންޑަރިންގ މަރުހަލާނިމި މިހާރު އޮތީ އެމަސައްކަތް އެވޯޑްކުރުމުގެ މަރުހަލާގައި ކަމުގައެވެ. އަދި ވަރަށް އަވަހަށް އެމަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ.

ހއ ދިއްދޫގައި ކުރީ ސަރުކާރުން އިމާރާތްކުރަންފެށި އިސްލާމީ މަރުކަޒު، މިސަރުކާރުންވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 28 ވަނަ ދުވަހު ހުޅުވާފައެވެ. އެމަރުކަޒުގައި އެއްފަހަރާ 1،500 މީހުންނަށް ނަމާދު ކުރެވޭ ޖާގައާއެކު، 450 މީހުންގެ ޖާގައިގެ މަލްޓި ޕާޕަސް ހޯލަކާއި، 30 ކުދިންގެ ޖާގައިގެ ހަތަރު ކްލާސްރޫމް ވެސް ހަދާފައިވެ އެވެ. އިސްލާމީ ލައިބްރަރީއަކާއި، ކީރިތި ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރަކާއި ސެމިނާ ރޫމަކާއި އިދާރީ އޮފީސް ބައެއް ހުރެ އެވެ. އެތަން އިމާރާތްކުރަން 2023 ގައި އާރުސީސީއާ ހަވާލުކުރީ 50.8 މިލިއަން ރުފިޔާއަށެވެ.

އިހަވަންދޫ އިސްލާމީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް މިއަހަރުގެ ޖެނުއަރީ 21 ވަނަ ދުވަހު ފީޑޯ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ 18.4 މިލިއަން ރުފިޔާއަށެވެ. އެމަސައްކަތް ފީޑޯ އާއި ހަވާލުކުރި ދުވަހު އިސްލާމިކް މިނިސްޓްރީއިންބުނީ އިހަވަންދޫގައި އިމާރާތްކުރަނީ 700 މީހުންގެ ޖާގައިގެ އިސްލާމީ މަރުކަޒެއްކަމުގައެވެ.

ނަމަވެސް އިސްލާމީ މަރުކަޒުގެ ކުރެހުމުގައި ވާގޮތުން އެމަރުކަޒުގައި އެއްފަހަރާ ނަމާދުކުރެވޭނީ 420 މީހުންނަށެވެ. އެއީ އިހަވަންދޫ މަސްޖިދުލް ތައުބާގައި އެއްފަހަރާ ނަމާދުކުރެވޭ މީހުންގެ އަދަދަށްވުރެ މަދު އަދަދެކެވެ. މަސްޖިދުއް ތައުބާގައި  450 އާއި 500 އާއި ދެމެދުގެ އަދަދެއްގެ މީހުންނަށް އެއްފަހަރާ ނަމާދުކުރެވެއެވެ. އިހަވަންދޫ އިސްލާމީ މަރުކަޒުގައި 224 މީހުންގެ ޖާގައިގެ މަލްޓި ޕާޕަސް ހޯލަކާއި، 2 ކުލާސް ރޫމާއި، ލައިބްރަރީއެއްގެ އިތުރުން އޮފީހެއް ހިމެނެއެވެ.

އިހަވަންދޫގައި އިސްލާމީ މަރުކަޒު އިމާރާތްކުރުމަށް، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އެދިލެއްވުމަށް  ބޮޑު ބިމެއް، މިދިޔަ އަހަރުގެ ފެބުރުއަރީމަހު އިހަވަންދޫ ކައުންސިލުންވަނީ ހަމަޖައްސާފައެވެ. ކައުންސިލުން ދޫކޮށްފައިވާ އެބިމުގައި 41،925 އަކަފޫޓް ހުރެއެވެ. އިހަވަންދޫގައި އިސްލާމަރުކަޒެއް ޤާއިމް ކުރުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވައުދެކެވެ. އިސްލާމީ މަރުކަޒު އިމާރާތްކުރުމަށް ބޭނުންވާ ބައެއް ސާމާނު ފީޑޯ އިން މިހާރު ގެންދަނީ އިމާރާތްކުރުމަށް ހަމަޖެހިފައިވާ ސައިޓަށް ގެންނަމުންނެވެ.

މުޙައްމަދު އަކުރަމް