ސަރުކާރުން އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަށް އަމަލުކުރަން ފެށި ނަމަވެސް، އޭގެ ހަގީގީ ނަތީޖާ ދިވެހި ރައްޔިތުންނަށް ކުއްލިއަކަށް ފެނިގެން ނުދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަހްމަދު ނަސީރު ވިދާޅުވެއްޖެއެވެ. މެންބަރު ނަސީރު މިހެން ވިދާޅުވީ އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭގޮތުން އިއްޔަ މަޖިލީހުގެ ތަޅުމުގައި ކުރިއަށްދިޔަ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.
މަޖިލީހުގައި މެމްބަރު ނަސީރު ދެއްކެވި ވާހަކަފުޅުގައި ބާރުއެޅުއްވީ، ފަތުރުވެރިކަމުގެ ދާއިރާއަށް ގެންނަން ނިންމާފައިވާ ބަދަލުތަކާއި އާމްދަނީން ޓެކްސް ނެގުމުގެ ނިޒާމަށް ގެންނަ އިސްލާހުތަކުގެ ހެޔޮ އަސަރު އިޤްތިސާދުން ފެންނަން އަދި ދުވަސް ނަގާނެ ކަމަށެވެ. އެގޮތުން މި ބަދަލުތަކުގެ އަސްލު ނަތީޖާ ފެންނަން ފަށާނީ މަދުވެގެން ކުރިއަށް އޮތް ތިން އަހަރު ނުވަތަ ހަތަރު އަހަރުގެ ފަހުން ކަމަށް ނަސީރު ފާހަގަކުރެއްވިއެވެ.
މި ބިލު މަޖިލީހުން ފާސްކުރާ ހިސާބުން ދައުލަތަށް ލިބޭ އާމްދަނީ އިންތިހާއަށް އިތުރުވެ، ޤައުމަށް ވަންނަ ޑޮލަރުގެ އަދަދު ކުއްލިއަކަށް ގިނަވެގެންދާނެ ކަމަށް ރައްޔިތުން ހީކޮށްފާނެ ކަމަށް މެންބަރު ވިދާޅުވިއެވެ. ނަމަވެސް، މަސައްކަތުގެ ހަގީގީ މަންޒަރަކީ އެއީ ނޫން ކަމަށާއި، މިހާރު ކުރެވެމުންދާ މަސައްކަތްތަކުން ކުއްލި ބަދަލެއް ފެނިގެން ނުދާނެކަން ރައްޔިތުން ގަބޫލުކުރަންޖެހޭ ކަމަށްވެސް ނަސީރު ވިދާޅުވިއެވެ. އިޤްތިސާދީ ގޮތުން މިފަދަ ބަދަލުތަކެއް ގެންނަން މަޖުބޫރުވި ސަބަބުތަކަށް އަލިއަޅުއްވާލައްވަމުން ނަސީރު ވިދާޅުވީ، މީގެ ކުރިން އޮތް ސަރުކާރުތަކުން ޤައުމާމެދު އިހުމާލުވެ، ދައުލަތް ބޮޑުތަނުން ދަރުވާލާފައިވާ ކަމަށެވެ. އެހެންކަމުން މިހާރުގެ ސަރުކާރަށް ޖެހިފައިވަނީ އެ ހާލަތުން ޤައުމު ސަލާމަތްކޮށް، ރާއްޖޭގެ ފޮރިން ރިޒާވް އަލުން ވަރުގަދަކުރުމުގެ އުނދަގޫ މަސައްކަތް ކުރަން ކަމަށް މެންބަރު ވިދާޅުވިއެވެ.
އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅާފައިވަނީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ ބޭނުމުގަ އެވެ.
ކޮމެންޓް
އަދި ކޮމެންޓެއް ނެތް