އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އެމެރިކާގެ އެހީތެރިކަމާ ނުލައި އީރާނާ ދެކޮޅަށް އެކަނިމާ އެކަނި ހަނގުރާމަކުރުމަށް ތައްޔާރުވަމުންދާކަމުގެ އިޝާރާތެއް ކޮށްފައިވާއިރު، އޭނާގެ މި އިސްތިރާތީޖީ ސިޔާސަތާމެދު މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސުވާލު އުފައްދަން ފަށައިފިއެވެ. އެމެރިކާއާއި އީރާނާ ދެމެދު ހޯރްމުޒް ކަނޑުއޮޅި ހުޅުވާލުމުގެ ވަގުތީ އެއްބަސްވުމަކަށް އާދެވޭން ކައިރިވެފައިވަނިކޮށް، ނަތަންޔާހޫ ވަނީ އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓުވުމަށްޓަކައި އިސްރާއީލުގެ ސަލާމަތަށް ކުރަންޖެހުނު ކޮންމެ ކަމެއްވެސް ކުރާނެ ކަމަށް ބުނެފައެވެ. އެގޮތުން އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ ކޮމާންޑަރު އަހްމަދު ވަހީދީ ނިއުކްލިއާ ހަތިޔާރު ތަރައްގީކުރާނެ ކަމަށް ވިދާޅުވި ކަމަށް ބުނެ ނަތަންޔާހޫ ވާހަކަދެއްކި ނަމަވެސް، އީރާނުގެ ސަރުކާރުން ނުވަތަ ރަސްމީ މީޑިއާއަކުންވެސް އެފަދަ ބަޔާނެއް ނެރެފައެއް ނުވެއެވެ.
އީރާނާއެކު ކުރެވޭ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރަމުންދާއިރު، އިސްރާއީލާއި އެމެރިކާއިން ގުޅިގެން ދިން ހަމަލާއެއްގައި އީރާނުގެ ރޫހީ ލީޑަރު އަޔާތުއްލާ އަލީ ޚާމަނާއީ އަވަހާރަކޮށްލި ފަހުންވެސް އީރާނުގެ ސަރުކާރު ވައްޓާލެވިފައެއް ނުވެއެވެ. އީރާނުން ހޯރްމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ތެލާއި، ކާދު ފަދަ ތަކެތި ލިބުމަށް ދަތިވެ، ދުނިޔޭގެ ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. ސެކިއުރިޓީ މުހައްލިލުން ސިފަކުރާ ގޮތުގައި މި ހަނގުރާމައަކީ އެއްވެސް އަސްލު މަގުސަދެއް ހާސިލުނުކުރެވުނު ބޮޑު ނާކާމިޔާބީއެކެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންވަނީ އިގްތިސާދީ ގެއްލުންތަކުން ސަލާމަތްވުމަށްޓަކައި އަވަސް ހައްލެއް ހޯދައި، ހޯރްމުޒް ކަނޑުއޮޅި ހުޅުވާލުމަށްފަހު ހަނގުރާމައިން ނުކުންނާށެވެ.
ނަމަވެސް އިސްރާއީލުގެ ސެކިއުރިޓީ އިދާރާތަކާއި މަސްރަހު ދިރާސާކުރާ ބައެއް ފަރާތްތަކުން ދެކޭގޮތުގައި، އީރާނަކީ އަދިވެސް އިސްރާއީލަށް އޮތް ނިއުކްލިއާ އަދި ބެލިސްޓިކް މިސައިލްގެ ބޮޑު ނުރައްކަލެކެވެ. އެހެންކަމުން އެމެރިކާއިން ކުރިއަށްގެންދާ މަޝްވަރާތަކަކީ ބޭކާރު ކަމެއްގެ ގޮތުގައި ދެކެ، ބޭނުންވެއްޖެ ހާލަތެއްގައި އެކަނިމާ އެކަނިވެސް އީރާނުގެ މައި ސަރުކާރަށް ހަމަލާދިނުމަށް އިސްރާއީލުން ފަސްނުޖެހޭނެ ކަމަށް އިސްރާއީލުގެ ދިރާސާވެރިން ބުނެއެވެ. ޓްރަމްޕް ވަނީ ނަތަންޔާހޫ އެމެރިކާ ހަނގުރާމައިގެ ތެރޭގައި ބައިވެރިކޮށްފައި ބެހެއްޓުމަށްޓަކައި ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށް ބުނެ ނުރުހުން ފާޅުކޮށްފައެވެ.
އަނެއްކޮޅުން، ބައެއް ޚާރިޖީ މުހައްލިލުންނާއި އެމެރިކާގެ ކުރީގެ ޑިޕްލޮމޭޓުން ގަބޫލުކުރާ ގޮތުގައި ނަތަންޔާހޫގެ މި އިންޒާރުތަކަކީ ކުރިއަށްއޮތް އިންތިޚާބާއި އޭނާގެ މައްޗަށް ހިނގަމުންދާ ކޮރަޕްޝަނުގެ ޝަރީއަތުގެ ސަބަބުން ކުރިމަތިވެފައިވާ ސިޔާސީ ޕްރެޝަރުން ރެކުމަށް ދައްކާ ސިޔާސީ ވާހަކަތަކެކެވެ. އެމެރިކާއާއި އިސްރާއީލާ ދެމެދު އޮތް ގުޅުމަށް ބުރޫއަރައި، ގާޒާއާއި ސޫރިޔާގެ ކަންކަމުގައި ޓްރަމްޕް ވަނީ އިސްރާއީލުގެ ނުރުހުމުގައިވެސް ނިންމުންތައް ނިންމާފައެވެ. އެހެންކަމުން އެމެރިކާގެ އެއްބާރުލުމާ ނުލައި އިސްރާއީލުން އީރާނަށް އެކަނި ހަމަލާއެއް ދިނުމަކީ ވާނެކަމެއް ނޫންކަމަށާއި، މި ހަނގުރާމައިގެ ކުރިއަށްހުރި މަރުހަލާތަކުގައި ނަތަންޔާހޫގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށް މުހައްލިލުން ފާހަގަކުރެއެވެ.



