ގޯލްޑެން ފުޓްސަލް ޗެލްންޖު 2022 ގެ ހއ އޮތޮޅު ފައިނަލުގައި ހއ. ހޯރަފުށި 2-0 ގެ ނަތީޖާއަކުން ބަލިކޮށް އިހަވަންދޫއިން ހއ އަތޮޅުގެ ޗެމްޕިއަންކަން ހޯދާފިއެވެ. މިއީ އިހަވަންދޫ އިން މި ތަށި ހޯދި ދެވަނަ ފަހަރެވެ. އަދި މިއީ އިހަވަންދޫ މި މުބާރާތުގައި ވާދަކުރާ ދެވަނަ ފަހަރުކަންވެސް ފާހަގަ ކޮށްލެވެއެވެ.
މިރޭ ކުޅެވުނު ފައިނަލް މެޗުގެ ފުރަތަމަ ލަނޑު އިހަވަންދޫއަށް ކާމިޔާބު ކޮށްދިނީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި އެ ޓީމުގެ ޖާޒީ ނަންބަރު 14 އިބްރާޙީމް ސުހޭލުއެވެ. މިއީ މިފަހަރުގެ މުބާރާތުގައި ސުހޭލު އެ ޓީމަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ. ފައިނަލް މެޗުގެ ދެވަނަ ލަނޑު ޖަހައިދީ ފަރަގު ބޮޑުކޮށްދިނީ ދެވަނަ ހާފުގެ އެންމެ ފަހު މިނެޓުގައި އެ ޓީމުގެ ހުސައިން ނަޝީދެވެ. މިރޭގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހާސިލު ކުރީ އިހަވަންދޫއަށް ފުރަތަމަ ލަނޑު ޖަހައިދިން ސުހޭލުއެވެ.
މި އަހަރުގެ މުބާރާތުގެ ހއ.އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހާސިލު ކުރީ އެންމެ ފަހުގެ މުބާރާތުގައިވެސް އެ މަޤާމު ހޯދި އިހަވަންދޫގެ އިބްރާޙީމް ހާމިދުއެވެ. އަދި މި އަހަރުގެ މުބާރާތުގެ ހއ އަތޮޅުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަކީވެސް އެނާއެވެ.
ފައިނަލް މެޗުން ބަލިވި ނަމަވެސް ހޯރަފުއްޓަށްވެސް ޒޯން ބުރުން ޖާގައެއް ލިބިފައިވެއެވެ. ޒޯން އެކަކުން މި ދެޓީމުގެ އިތުރުން ދެން ޖާގަ ހޯދާފައިވަނީ ހދ. ވައިކަރަދޫ، ހދ.ނާވައިދޫ، ށމިލަންދޫ އަދި ށ. ކަނޑިތީމެވެ.